ބަޔޯޑިގްރޭޑަބަލް ކޮތަޅުކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި، އެތަކެއްޗަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު އާއްމުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ވިދާޅުވީ، ބަޔޯޑިގްރޭޑަބްލް ކޮތަޅުކަން އަންގައިދޭ ސެޓުފިކެޓު ދޫކުރަނީ މި މިންގަނޑުތަކަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ ކޮތަޅަށްކަމަށެވެ. އެގޮތުން ކޮތަޅުގައި ހުންނަ ހެވީމެޓަލްސްގެ މިންވަރު 2000 EN 13432: "ރިކުއަރމަންޓްސް ފޮރ ޕެކޭޖިންގ ރިކަވަރަބްލް ތުރޫ ކޮންޕޯސްޓިންގ އެންޑް ބަޔޯޑިގްރެޑޭޝަން – ޓެސްޓް ސްކީމް އެންޑް އިވެލުއޭޝަން ކްރައިޓީރިއާ ފޮރ ދަ ފައިނަލް އެކްސެޕްޓެންސް އޮފް ޕެކޭޖިންގ" މިންގަނޑުތަކަށް ވުރެ އިތުރުވެގެން ނުވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން އާއްމުކޮށްފައިވާ އުޞޫލުގައިވާގޮތުގައި ކޮތަޅު ތައްޔާރުކޮށްފައިވާ މެޓީރިއަލްގެ %90 ގިނަވެގެން 180 ދުވަހުގެ ތެރޭގައި އަމިއްލަ ޒާތުގައި ނެތިފަނާވެގެންދާ ބާވަތުގެ ކޮތަޅަކަށްވާންޖެހޭނެއެވެ. އަދި ކޮތަޅު ތައްޔާރުކޮށްފައިވާ މެޓީރިއަލްގެ މަދުވެގެން %90 އަކީ އޯގަނިކް މެޓީރިއަލް ކަމުގައިވާން ޖެހޭނެކަމަށާއި ކޮތަޅު ނެތި ފަނާވެގެން ދިއުމުގައި އެއްވެސް ބާވަތެއްގެ ނުރައްކާތެރި މާއްދާއެއް މާޙައުލުތެރެއަށް ބޭރުވެގެން ނުދިއުން ހިމެނެއެވެ. ކޮތަޅު ތައްޔާރުކުރާ މެޓީރިއަލްގެ ނޮންބަޔޯޑިގްރޭޑަބްލް ފްރެކްޝަން %5 މަތި ނުވުމާއި، ކާބޯތަކެތި ބަންދުކުރުމަށް ޚާއްޞަކޮށްގެން ރާއްޖެއަށް އެތެރެކުރާ ކޮތަޅެއްނަމަ، އެ ކޮތަޅު އުފައްދައިފައިވާ މެޓީރިއަލްއަކުން، އޭގައި ބަންދުކުރާ ކާބޯތަކެތީގެ ބާވަތްތަކަށް ނޭދެވޭ އެއްވެސް އަސަރެއްކޮށްގެން ނުވާނެކަމަށްވެސް މި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ކޮތަޅު ތައްޔާރުކުރުމަށް ބޭނުންކުރާ އެޑިޓިވްސްގެ ތެރޭގައި ހިމެނޭ ޕޮލިމަރސް، އޯގޭނިކް އެޑިޓިވްސް، އިންއޯގޭނިކް ފިލަރސް، ސްޓެބިލައިޒަރސް، އަދި ޕްރޮ-އޮކްސިޑަންޓްސް ފަދަ އެޑިޓިވްސްގެ ތެރޭގައި، އެ މާއްދާއަކީ ރާއްޖޭގެ ތިމާވެށްޓަށް ގެއްލުންދޭ މާއްދާއެއްކަމަށް ދިވެހި ސަރުކާރުން ނުވަތަ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއަކުން ކަނޑައަޅައިފައިވާނަމަ، އެ މައްދާއެއް އެކުލެވޭ މިންވަރު %0.1 ދަށުގައި ހުންނަންވާނެކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން އެކުލަވާލާފައިވާ އުޞޫލުގައި ބުނެފައިވެއެވެ.
މި އުޞޫލުގައި ބަޔޯޑިގްރޭޑަބަލް ކޮތަޅުގެ ބޭރުފުށުގައި ފުރިހަމަވާންޖެހޭ ކަންކަންވެސް މިނިސްޓްރީން ހިމަނާފައިވެއެވެ. އެގޮތުން ކޮތަޅުގެ ބޭރުފުށުގައި ނެތިފަނާވުމަށް ބޭނުންވާ ޝަރުތުތައް ލިޔެފައި ހުންނަންޖެހޭނެއެވެ. އަދި ނެތިފަނާވުމަށް ނަގާ މުއްދަތު (ސަރވިސް ލައިފްއާއި ސްޓޯރޭޖް ލައިފް އެނގޭ ގޮތަށް)، އަދި ކޮތަޅު އުފެއްދި ތާރީޚާއި ކޮތަޅުގައި އެކުލެވޭ ބަޔޯޑީގްރޭޑަބްލް އެޑިޓިވްސްގެ ނަން ލިޔެފައި ހުންނަންޖެހޭނެއެވެ. މީގެ އިތުރުން ކޮތަޅު ރާއްޖެއަށް އެތެރެކުރި ނުވަތަ ރާއްޖޭގައި އުފެއްދި ފަރާތުގެ ނަން ނުވަތަ ލޯގޯއާއި، އޭޖެންސީން ދޫކުރާ ސެޓުފިކެޓު ނަންބަރުވެސް ކޮތަޅުގެ ބޭރުފުށުގައި ފެންނަން ހުންނަންވާނެކަމަށްވެސް މި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
މި އުޞޫލު އެކުލަވާލުމުގެ މަޤުސަދަކީ، ކޮތަޅުގެ ތެރެއިން ބަޔޯޑިގްރޭޑަބްލް ކޮތަޅަކީ ކޮބައިކަން ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅައި، އެފަދަ ކޮތަޅު ރާއްޖެއަށް އެތެރެކުރަން ބޭނުންވާ ފަރާތްތަކަށާއި، ރާއްޖޭގައި އުފައްދަން ބޭނުންވާ ފަރާތްތަކަށް ހުއްދަދިނުމުގެ ކަންކަން އެއް އުސޫލެއްގެ ދަށުން ހަމަޖައްސައި އެގޮތުގެމަތިން ޢަމަލުކުރާނެ އިޖުރާއަތުތައް ކަނޑައެޅުންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މި އުޞޫލަށް މިހާރު ޢަމަލުކުރަން ފަށާފައިވާއިރު، 2012 ވަނަ އަހަރު އެކުލަވާލި އުޞޫލު "ޕްލާސްޓިކް ކޮތަޅުގެ ގޮތުގައި ބަލާނެ މިންގަނޑުތައް" މިހާރު އުވިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.