އޮސްޓްރޭލިއާއާއި އިނގިރޭސިވިލާތާއި ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރާނެކަމަށް އެ ދެ ޤައުމުން ހާމަކޮށްފިއެވެ.
އިނގިރޭސިވިލާތުން ޤަބޫލުކުރާގޮތުގައި އީޔޫއިން ވަކިވުމަށްފަހު އޮސްޓްރޭލިއާއާއެކު ޤާއިމުކުރާ މި ގުޅުމަކީ ވަރަށް މުހިންމު ގުޅުމަކަށްވާނެއެވެ.
އޮސްޓްރޭލިއާއާއި އިނގިރޭސިވިލާތާއި ދެމެދު ޤާއިމްކުރާ އެއްބަސްވުމުގައި ކާރާއި، ބަނގުރާ އަދި ޗޮކްލެޓްފަދަ ފޮނިކާބޯތަކެތިން ނަގާ ޓެކްސް އަދި ރެޑް ޓޭޕް އުނިކުރުމަށް ނިންމާފައިވުމުގެ ސަބަބުން އޮސްޓްރޭލިއާއަށް މި ތަކެތި އަގުހެޔޮކޮށް ވިއްކުމަށް މަގުފަހިވެގެންދާނެކަމަށް އިނގިރޭސިވިލާތުން ބުނެއެވެ. އަދި އޮސްޓްރޭލިއާއިން ބުނާގޮތުގައި މިއީ އެ ޤައުމުގެ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އައި ކުރިއެރުމެކެވެ.
މިދިޔަ އަހަރު ޔޫރަޕް އިއްތިޙާދުން ވަކިވުމަށްފަހު އެހެން ޤައުމަކާއި މިފަދަ ވިޔަފާރީގެ ގުޅުމެއް އިނގިރޭސިވިލާތުން ޤާއިމުކުރާ މިއީ ފުރަތަމަ ފަހަރެވެ. އަދި މިއީ ޔޫރަޕުން ނިކުމެ އެޤައުމުގެ އިޤްޠިޞާދީ ޕްލޭންތައް އިންޑޯ ޕެސިފިކް ޤައުމުތަކުގައި ކުރިއަރުވަން ލިބުނު ފުރުޞަތެއްކަމަށްވެސް އިނގިރޭސިވިލާތުން ދެކެއެވެ.
އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ޖީ ސެވަން ޤައުމުތަކުގެ ބައްދަލުވުން ހަފްތާ ބަންދުގައި ނިންމަވާލެއްވުމަށްފަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އަދި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ ބައްދަލުކުރައްވާފައެވެ. މޮރިސަން މި ސަމިޓްގައި ބައިވެރިވެޑައިގެންފައިވަނީ މެޙްމާނެއްގެ ގޮތުގައެވެ.
މި އެއްބަސްވުމަކީ އިޤްޠިޞާދީ ގޮތުން މުހިންމު އެއްބަސްވުމެއްކަމާއިމެދު ދެބަސްނުވާކަމަށާއި ނަމަވެސް އެއަށްވުރެބޮޑަށް މިއީ ސިޔާސީ އަދި ތާރީޚީ އެއްބަސްވުމެއްކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ވިދާޅުވެފައެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ވިދާޅުވާގޮތުގައި މި އެއްބަސްވުމަކީ އޮސްޓްރޭލިއާއިން ނިންމި އެންމެ ފުރިހަމަ އަދި އެންމެ ކާމިޔާބު އެއްބަސްވުންކަމުގައެވެ.
އިނގިރޭސިވިލާތަކީ އޮސްޓްރޭލިއާގެ 8 ވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއަށްވާއިރު އޮސްޓްރޭލިއާއަކީ އިނގިރޭސިވިލާތުގެ 20 ވަނައަށް އެންމެބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. ދެ ޤައަމުގެ ދެމެދުގައި ކޮށްފައިވާ ވިޔަފާރީގެ އަގު 20.7 ބިލިއަން ޑޮލަރަށް އަރައެވެ.
މި އެއްބަސްވުން އަދި މުޅިން ފައިނަލް ނުވާއިރު އިނގިރޭސިވިލާތުން ބުނާގޮތުގައި ދިގު މުއްދަތަކަށް ބަލާއިރު މި އެއްބަސްވުމުގެ ސަބަބުން އެޤައުމުގެ އިޤްޠިޞާދަށް 500 މިލިއަން ޕައުންޑުގެ ފައިދާ ލިބޭނެއެވެ.