ޚަބަރު

އަލިފާނުގެ ޙާދިސާގައި ބިދޭސީ މީހާގެ ހަށިގަނޑުގެ %25 ވަނީ ފިހިފައި


މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއްގައި މިއަދު ހިނގި އަލިފާނުގެ ޙާދިސާގައި ޒަޙަމްވި ބިދޭސީ މީހާގެ ހަށިގަނޑުގެ 25 އިންސައްތަ ފިހިފައިވާކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްއިން ވިދާޅުވެއްޖެއެވެ.

މި ޙާދިސާގައި ޒަޙަމްވެފައިވަނީ އުމުރުން 20 އަހަރުގެ ބިދޭސީއެކެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައި.ޖީ.އެމް.އެޗުން ވިދާޅުވީ، އޭނާގެ ހަށިގަނޑުގެ 25 އިންސައްތަ ފިހިފައިވާކަމަށެވެ. އޭނާއަށް ހޮސްޕިޓަލުގެ އިމަރޖެންސީގައި މިވަގުތުވެސް ފަރުވާދެމުންދާކަމަށެވެ. ނަމަވެސް އޭނާގެ ޙާލަތާމެދު ހޮސްޕިޓަލުން އިތުރު މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މާލޭގެ ދެކުނު ފަރާތު ހާބަރުން މޭރީ ބްރައުން ކުރިމަތިން އޮންނަ ހިސާބުގައެވެ. އެމް.އެން.ޑީ.އެފުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލިބުނީ ހެނދުނު 6:13 ހާއިރުކަމަށެވެ. އަދި ފަޔަރ ފައިޓަރުންގެ މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވުނީ 6:45 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި އެ ސަރަހައްދުގައި އަޅާފައި އޮތް 6 ލޯންޗަކަށް އެކިވެރިގެ ގެއްލުން ލިބިފައިވާކަމަށެވެ. ނަމަވެސް މި ޙާދިސާ ހިނގަންމެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ފުލުހުން ވިދާޅުވީ އެ އިދާރާއިން މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށެވެ.