ކޯވިޑުގެ ބަލިމަޑުކަމާއި ހެދި ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މެދުއިރުމަތީގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ އެމިރޭޓްސްއަށް ވޭތުވެދިޔަ އަހަރު 5.5 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެއެވެ.
އެމިރޭޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން ކުންފުނީގެ ޢާމްދަނީއަށް 8.4 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާއިރު އޮޕަރޭޓިންގ ކޯސްޓް ވަނީ 47 އިންސައްތައަށް ދަށްވެފައެވެ. މީގެއިތުރުން ޖުމްލަ ދަތުރުކުރާ މީހުންނާއި ކާގޯ ކެޕޭސިޓީ ވަނީ 58 އިންސައްތައަށް ދަށްވެފައިވާކަމަށާއި މިދިޔަ އަހަރު އެ އެއާރލައިންއަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ އެންމެ 288 މިލިއަން ޑޮލަރުކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
މިއީ ވޭތުވެވެ ދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ކުންފުންޏަށް ގެއްލުން ލިބުނު ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު އެމިރޭޓްސްއިން އުފުލާފައިވަނީ 6.6 މިލިއަން ޕަސިންޖަރުންނެވެ. މިއީ އޭގެކުރީ އަހަރާއި ބަލާއިރު 90 އިންސައްތައިގެ ދަށްވުމެކެވެ.
މި ގެއްލުމުން އަރައިގަތުމަށްޓަކައި ދުބާއީ ސަރުކާރުގެ އެއަރލައިނަށް 2 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރުވެސް 5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ކުންފުންޏަށް ވަނީ ލިބިފައެވެ.
ޔޫއޭއީގެ އެއާރޕޯރޓް ވަގުތީގޮތުން ބަންދުކުރަންޖެހުމާއި ގުޅިގެން މިދިޔަ އަހަރުގެ މާރިޗް އިން ފެށިގެން ގާތްގަނޑަކަށް 8 ހަފްތާވަންދެން މީހުން އުފުލާ ހުރިހާ ބޯޓުތަކެއްހެން ގްރައުންޑްކޮށްފައި ބަހައްޓަން ކުންފުންޏަށް މަޖުބޫރުވިކަމަށް ޚަބަރުތައް ބުނެއެވެ.
ތަރައްޤީކޮށްފައިވާ ރަނގަޅު ފެންވަރުގެ ބޯޓުތައް އޮޕަރޭޓް ކުރުމަކީ ކުންފުނީގެ ދިގުމުއްދަތުގެ އަމާޒަކަށްވާއިރު މާލީގޮތުން ގެއްލުން ލިބުނުކަމުގައިވިޔަސް އެމިރޭޓްސްއިން ވަނީ އިތުރު 200 ބޯޓު ގަތުމަށް ނިންމާފައެވެ.
ތަރައްޤީކޮށްފައިވާ ބޯޓުތަކާއި ފެންވަރު ރަނގަޅު ޚިދުމަތްތައް އަދި އަގުބޮޑު ފަސްޓް ކްލާސް ކެބިންގެ ސަބަބުން މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ އެމިރޭޓްސްއިން ވަނީ އެއަރބަސް 380ގެ ތިން ބޯޓު އިތުރުކޮށް، ކުރިން ބޭނުންކުރަމުންދި 14 ބޯޓެއް ބޭނުންނުކުރުމަށް ނިންމާފައެވެ. މިއާއެކު ކާގޯ ހިމެނޭގޮތަށް އެ އެއާރލައިނުން މިހާރު އޮޕްރޭޓް ކުރަނީ 259 ބޯޓެވެ.