ޖަޕާނުގެ އެންމެ ބޮޑު ޓްރެވަލް އެޖެންސީތަކަށް ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތުތަށް ހިއްސާކޮށްފިއެވެ.
ޓްރެވަލް އެޖެންސީތަކަށް މައުލޫމާތު ދީފައިވަނީ ޖަޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ކުރުމަށް އެޤައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަރާތުން ބޭއްވި ވެބިނަރގައެވެ.
"އެކްސްކުލޫސިވް ވެބިނަރ އޮން މޯލްޑިވްސް ޓޫރިޒަމް އިން ޕޯސްޓް ކޯވިޑް ރިކަވަރީ" ގެ ނަމުގައި ބޭއްވި މި ވެބިނަރއަކީ ފޮރިން މިނިސްޓްރީ އާއި، މިނިސްޓްރީ އޮފް ޓޫރިޒަމާއި، އެމްއެމްޕީއާރުސީގެ އިތުރުން ގެސްޓުހައުސް އެސޯސިއޭޝަން ގުޅިގެން ބޭއްވި ވެބިނަރއެކެވެ.
ޖަޕާނުގެ އެންމެ ބޮޑު 23 ޓްރެވަލް އެޖެންސީއަކުން މި ވެބިނަރގައި ބައިވެރިވެފައިވާއިރު މި ފަރާތްތަކަށްވަނީ ރާއްޖޭގެ ފަތުރުވެރިވެރިކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަށް ދީފައެވެ. އެގޮތުން ކޯވިޑާއި ދެކޮޅަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތުތަށް އެ ފަރާތްތަކާއި ވަނީ ހިއްސާކޮށްފައެވެ.
މި ވެބިނަރގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދާއި، ޓޫރިޒަމް މނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނައުޝާދު މުޙައްމަދާއި، ގެސްޓު ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދުވަނީ ބައިވެރިވެ، މައުލޫމާތު ހިއްސާކޮށްފައެވެ.
މިފަދަ އިތުރު ވެބިނަރތައް މިއަހަރުތެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ހާމަކުރެއެވެ.