ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ %70 މީހުން ކޯވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
އެމިނިސްޓްރީން ވިދާޅުވީ މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓްތަކުގައި މަސައްކަތްކުރާ %70 މުވައްޒަފުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ކަަމަށެވެ. އަދި %96 މުވައްޒަފުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގައި މުޅި ޖުމްލަ 152 ރިސޯޓެއް އޮޕަރޭޓްކުރަމުން ދެއެވެ. މި 152 ރިސޯޓްގައި މުޅި ޖުމްލަ 41،431 މުވައްޒަފުން މަސައްކަތްކުރެއެވެ.
ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފެށިތާ 3 ދުވަސްތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓް ލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަނީ ވެކްސިން ދޭން ފަށާފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ރާއްޖެ އަންނަ ފަތުރުވެރިންނާ އެންމެގާތުން މަސައްކަތްކުރާ މީހުންނަށް ވާތީ ވެކްސިން ޕްރޮގްރާމް ފެށުމާއެކު ޚާއްސަ ސަމާލުކަމެއް މިސިނާއަތަށް ވަނީ ދީފައެވެ.
ރާއްޖެއަކީ ކޯވިޑްގެ ވެކްސިން ޖަހާފައިވާ ބަޔަކު އުޅޭ މަންޒިލަކަށް ހެދުމަށް "އަހަރެން ވެކްސިން ޖަހައިފިން"ގެ ނަމުގައި މިދިޔަ އޭޕްރިލް މަހު ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން ވަނީ ކެމްޕެއިނެއްވެސް ފަށާފައެވެ. މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ އެންމެން ވެކްސިން ޖަހައި މުޅި ދުނިޔޭންވެސް އެންމެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް" ޓޫރިޒަމެއް ޤާއިމްކުރާ ޤައުމަށް ރާއްޖެ ހެދުމެވެ.