ކޯވިޑްގެ ބަލިމަޑުކަމަށްފަހު އެމެރިކާގެ ވަޒީފާގެ ބާޒާރު ރަނގަޅުވެ ވަޒީފާނެތް މީހުންނަށްދޭ ޢިނާޔަތްތަކަށް އެދޭމީހުންގެ ޢަދަދު ދަށްވެއްޖެއެވެ. އެމެރިކާގައި ޚަރަދުކުރާ މިންވަރު އިތުރުވެ އިޤްޠިޞާދު ރަނގަޅުވެ މުދާ އެތެރެކުރާ މިންވަރުވެސް ވަނީ އިތުރުވެފައެވެ.
ވަޒީފާގެ ބާޒާރާއިބެހޭ ޑިޕާޓްމަންޓުގެ ހިސާބުތަކަށް ބަލާއިރު ވަޒީފާނެތް މީހުންގެ ނިސްބަތް އެންމެ މަދުވެފައިވަނީ އެމެރިކާގެ އުތުރުއިރުމަތީ ސްޓޭޓްތަކުގައެވެ. އެގޮތުން އެމެރިކާގެ ރޯޑް އައިލެންޑްގައި ވަޒީފާނެތް މީހުންގެ ނިސްބަތް 5.8 އިންސައްތައަށް ދަށްވެ ވަޒީފާނެތް މީހުންގެ ނިސްބަތް އެންމެ މަދު ސްޓޭޓަކަށް ރޯޑް އައިލެންޑް ވަނީ ވެފައެވެ. ވަޒީފާނެތް މީހުންގެ ނިސްބަތް ދެވަނައަށް އެންމެ މަދުވެފައިވާ ނިއުޔޯކް ސިޓީ އާއި ކޮނެޓިކެޓްގައެވެ. އެގޮތުން ނިއުޔޯކްގައި މި ނިސްބަތް 7.8 އިންސައްތައަށް ދަށްވެފައިވާއިރު ކޮނެޓިކެޓްގައި 7.7 އިންސައްތައަށް ވަނީ ދަށްވެފައެވެ.
ވަޒީފާތައް އެންމެ ބޮޑަށް އިތުރުވެފައިވަނީ މެއި މަހުކަމަށްވާއިރު ހޮސްޕިޓަލިޓީ ސިނާޢަތުގެ ވަޒީފާތައް އުތުރުއިރުމަތީ އެމެރިކާގެ 9 ސްޓޭޓްގައިވެސް ވަނީ އިތުރުވެފައެވެ. ހޮސްޕިޓަލިޓީ ދާއިރާގެ ވަޒީފާތަކަށް 10000އަށް ވުރެ ގިނަ މީހުން އިތުރުކޮށް ޕެންސިލްވޭނިއާ ވަނީ އެންމެ ގިނަ މީހުންނަށް ވަޒީފާ ލިބުނު ސްޓޭޓަށް ވެފައެވެ. ހޮސްޕިޓާލިޓީ ދާއިރާއަށް 7000 ވަޒީފާ އިތުރުކޮށް ނިއުޔޯކް ވަނީ ދެވަނައަށް އެންމެ ގިނަ ވަޒީފާތައް އިތުރުކޮށްފައެވެ.
ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނާގޮތުގައި އުތުރުއެމެރިކާއަކީ މިހާތަނަށް އެމެރިކާގައި އެންމެ ގިނައިން ވެކްސިން ދީފައިވާ ސަރަޙައްދެވެ. މިއާއެކު ބަލިވާ މީހުން މަދުވުމުގެ ސަބަބުން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއީދީ ވިޔަފާރިތައްވަނީ ހުޅުވާލާފައެވެ.
އާބާދީ މަދު ދެ ސްޓޭޓްކަމަށްވާ ނިއުހެމީސްފިއަރ އަދި ވުމޮންޓްގައި ވަޒީފާނެތް މީހުންގެ ނިސްބަތްވަނީ 3 އިންސައްތައަށް މަދުވެފައެވެ. ކޯވިޑްގެ ބަލިމަޑުކަމާއިހެދި ބައެއް މަސައްކަތްތެރިން އެހެން ސްޓޭޓްތަކަށް ހިޖްރަކުރުމުގެ ސަބަބުން އާބާދީގިނަ ނިއުޔޯކް އަދި ޕެންސިލްވޭނިއާގައި ވަޒީފާތައް އިތުރުކުރުން ދަތިކަމަކަށްވެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
އުތުރު އެމެރިކާގައި ވަޒީފާނެތް މީހުންގެ ނިސްބަތް ދަށްވަމުންދާއިރު އެމެރިކާގެ އެހެން ހިސާބުތަކުގައި މި ރޭޓް އަދި އެހާ ރަނގަޅުނުވާކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.