ޚަބަރު

އިތުރު 1،052 މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފި


ކޯވިޑުން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 1،052 މީހަކު ފުރިހަމަކޮށްފިއެވެ. މިއާއެކު ރާއްޖޭގައި މިވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދުވަނީ 188،000އަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބަށް ބަލާއިރު ވެކްސިންގެ 2 ޑޯޒު ފުރިހަމަކުރި މީހުންގެ ޢަދަދު 188،788އަށްވަނީ އަރާފައެވެ. މީގެތެރޭއިން 1،052 މީހަކު ވެކްސިން ފުރިހަމަކުރީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 246 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން ވެކްސިން ޖެހި 806 މީހުންނެވެ.

ވެކްސިންގެ ފުރަތަމ ޑޯޒު ދިނުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 236 މީހަކުވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 86 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 150 މީހުންނެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި 2ވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.