މިމަހުގެ މިހާތަނަށް ރާއްޖެއަށް ބައިލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަށް ދަށްކާގޮތުން ޖޫންމަހުގެ 1 އަކުން ޖޫންމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 50994 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 101564 ފަތުރުވެރިންނާއި އަޅާ ބަލާއިރު 49.8 އިންސައްތަ ދަށް އަދަދެކެވެ.
ދެކުނު އޭޝިއާގެ ޤައުމުތަކުގައި ހަލުވިކަމާއެކު ކޯވިޑުގެ ބަލިމަޑުކަން ފެތުރެމުން ދިޔުމާއި ގުޅިގެން ރާއްޖެއިން ވަނީ ދެކުނު އޭޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ވިސާ ދިނުން ހުއްޓާލާފައެވެ. މިއާއެކު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުން ދިޔަ އިންޑިއާއިން ރާއްޖެއަށް ފަތުުރުވެރިން އައުން ހުއްޓި ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ގިނަ އަސަރުތަކެއް ދަނީ ކުރަމުންނެވެ. އެހެންނަމަވެސް މިފަދަ ދަނޑިވަޅެއްގައި މަހެއްގެ މައްޗަށް ރާއްެޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެނައުމަކީ ކާމިޔާބީއެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް މިހާރު ދުވާލެއްގެ މައްޗަށް އަންނަ ފަތުުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން ހޮނިހިރުދުވަހު ރާއްޖެއަށް 2607 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިމަހުގެތެރޭ ރާއްޖެއަށް އެއް ދުވަހެއްގެތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ދުވަހެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަނީ 1889 ފަތުރުވެރިންނެވެ. މި އަދަދަކީވެސް މިމަމަސް ފެށުނު އިރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެއަށް އަހަރުގެ މިހާތަނަށް ވަނީ ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން ޖަނަވަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 92103 ފަތުރުވެރިންނެވެ. ފެބްރުއަރީމަހު 96882 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މާރޗް މަހު ރާއްޖެ އައީ 109585 ފަތުރުވެރިންނެވެ. އޭޕްރިލް މަހު 91200 ފަތުރުވެރިން އަދި މެމަހު 64613 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކުރަނީ ރަޝިއާ ފަތުރުވެރިންނެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 24.4 އިންސައްތައަކީ ރަޝިއާއިން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ އިންޑިއާ ފަތުރުވެރިންނެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 9 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.