ތަރައްްޤީ

ހިޔާ ފްލެޓްތަކުގެ އަގު އިތުރަށް ކުޑަކުރުމަކީ ދަޢުލަތަށް ބޮޑުބުރައެއް: ރައީސް


ހިޔާ ފްލެޓްތަކުގެ އަގު މި ސަރުކާރުން ވަރަށް ބޮޑުތަން ކުޑަކޮށްދީފައިވާ ކަމަށާއި، އިތުރަށް އަގު ކުޑަކުރަންވެއްޖެނަމަ، ދަޢުލަތުން ވަރަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހިޔާ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނުދެއްކުމަށްޓަކާ، ފްލެޓްތަކަށް ފައިސާ ދައްކާ ފަރާތްތަކުގެ އިތުރުން، ދަޢުލަތުގެ ބަޖެޓުން 3.2 ބިލިއަން ރުފިޔާ ދައްކަންޖެހޭކަމަށެވެ.

އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފްލެޓް ލިބުމަށްފަހުވެސް، އެތަނަށް ވަނުމުގެ ކުރިން ގިނަ މަސައްކަތްތައް ކުރަން ޖެހުމެވެ. ފްލެޓްތަކުގައި މުށިޖެހުމާ ކުލަލުމާއި، ބަދިގެ ކަބަޑުސެޓު ޖެހުމާއި ފަންކާއާއި ބޮކިވެސް ހަރުކުރަންޖެހޭނީ ފްލެޓްތަކުގެ ވެރިންގެ ޚަރަދުގައި އަމިއްލައަށެވެ. އެގްރިމެންޓްގައި ސޮއިކުރުމަށްފަހު ފުރަތަމަ ތިން މަސް ދެނީ ފިނިޝިން މަސައްކަތްތައް ކުރުމަށެވެ. މި މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާގޮތަށް ސަރުކާރުންވަނީ ލުއި ދީފައެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި މިފަދަ މަސައްކަތެއްކުރުމަށް ދަތިވާނެތީ، އެ މުއްދަތު އިތުރުކޮށްދިނުމަށް ފްލެޓް ލިބުނު ފަރާތްތަކުން އަންނަނީ އެދެމުންނެވެ.

ހިޔާ ފްލެޓްތަކުގެ އަގުތަކާގުޅޭގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މި މަޝްރޫޢު ކުރިއަށްގެންގޮސްފައިވަނީ ކުރީގެ ސަރުކާރުން %8 އިންޓްރެސްޓް ރޭޓުގައި 20 އަހަރުން ދައްކާގޮތަށް ކޮމަރޝަލް ލޯނެއް ނަގައިގެންކަމަށެވެ. އަދި އޭރު ފްލެޓްތައް އަގުކޮށްފައިވާގޮތުން ފްލެޓަކަށް 1.2 މިލިއަން ރުފިޔާ ޖެހޭކަމަށާއި، 20 އަހަރުން ދައްކާނަމަ، މަހު ކުލީގެ ގޮތުގައި 10،419 ރުފިޔާ ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ސޯޝަލް ހައުންސިންގެ ގޮތުގައި ދޫކުރާ ތަނަކަށް މިއީ ބޮޑު އަދަދެއްކަމަށާއި، ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގަކީ، ކުރީގެ އަގުތައް ރިވިއުކޮށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަނޑައަޅާފައިވާ އަގެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަލުން އެ ރިވިއުކޮށް، އަގުތަކަށް ބަދަލު މިވަނީ ގެނެސްފައި. އެގޮތުން ބިމުގެ އަގު ކަނޑާ، އަދިވެސް އެހެން މެނޭޖްމަންޓް ފީތަކާއި އެއްޗެތި ކަނޑާލީމަ ފްލެޓެއްގެ އަގު މިޖެހެނީ އެއް މިލިއަން އަށްޑިހަ ތިން ހާސް ބާވީސް ރުފިޔާ. އެއީ އަޅުގަނޑުމެން އަލުން ހިސާބުކުރި އަގަކީ. އަދި އިންޓްރެސްޓް ރޭޓް 6.78 ޕަސެންޓަށް މިއޮތީ ކުޑަކޮށްފައި. އަދި 25 އަހަރުން ދައްކާ ނިންމާގޮތަށް ހެދީމަ 7500 ރުފިޔާއަށް މި ޖެހެނީ. އެހެންވީމަ ކުރިން އޮތް އަގުން މިވަނީ މި ބަދަލާއެކީގައި ވަރަށް ބޮޑު ޢަދަދެއް ކުޑަކުރެވިފައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ކަނޑައަޅާފައިވާ އަގަށްވުރެ ކުޑަކުރަންވެއްޖެނަމަ، ވަރަށް ބޮޑު ތަކުލީފެއް ސަރުކާރުން އިތުރަށް އުފުލަންޖެހޭނެކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނު އަނބުރާ ދެއްކުމަށް، ދަޢުލަތުގެ ބަޖެޓުންވެސް ވަރަށް ބޮޑު ޢަދަދެއް ހޭދަކުރަންޖެހޭކަން ފާހަގަކުރައްވާ، މިހާރުގެ އަގަށް އިތުރު ބަދަލެއް ގެނެވިދާނެކަމަށް ޤަބޫލުފުޅުނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް މިއީ ވަރަށް ގިނަ ބައެއްގެ މަސްލަޙަތާގުޅިފައިވާ ކަމެއްކަމުން، އަދިވެސް އިތުރަށް ސަރުކާރުން މިކަން ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަށްވުރެ ކުޑަކުރާކަމަށްވަންޏާ ވަރަށް ބޮޑު ތަކުލީފެއް ސަރުކާރުން އިތުރަށް އުފުލަންޖެހޭނެ. މިހާރުވެސް ސަރުކާރުން ގާތްގަނޑަކަށް ލޯނުދައްކާ ނިންމަން ފްލެޓްތަކަށް ފައިސާދައްކާ މީހުންގެ އިތުރަށް ސަރުކާރުގެ ބަޖެޓުން އެބަދައްކަންޖެހޭ 3.2 ބިލިއަން ރުފިޔާ. މިއީ ސަރުކާރަށް އެކި ގޮތްގޮތުން ޓެކްސްގެ ގޮތުގައި ރައްޔިތުން ދައްކާ ފައިސާއިން ހަމައެކަނި މި ފްލެޓްތަކަށް އަޅުގަނޑުމެން ހޭދަކުރަންޖެހޭ ވަރު. އެހެންވީމަ މިހާރު މިއޮތީ ވަރަށް ބޮޑުތަން ކުޑަކުރެވިފައި. މީގެ އިތުރަށް އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ މީގެން މާބޮޑުތަނެއް ކުޑަކުރެވިދާނެކަމަކަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

7000 ހައުސިންގ ޔުނިޓުގެ ގޮތުގައި މި މަޝްރޫޢުގެ މަސައްކަތް ފެށިނަމަވެސް ކޮމާޝަލް ބޭނުންތަކަށް ޓަވަރުތަކުން ފްލޯސްޕޭސް ކަނޑައެޅުމަށްފަހު ޔުނިޓްތަކުގެ ޢަދަދު ފަހުން ވަނީ 6720 ބަދަލުކޮށްފައެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާއާއެކު ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 8500 ރުފިޔާކަމަށް ސަރުކާރުންވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ގުރުއަތުނެގުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، ފްލެޓްތަކުގެ ވެރިފަރާތާއެކު އެގްރީމެންޓްތަކުގައި ސޮއިކުރުން އަންނަމަހު 14 ގައި ފެށުމަށް އެޗް.ޑީ.ސީން ވަނީ ނިންމާފައެވެ.