އޭޝިއާ އަދި ޔޫރަޕްގައި އަނެއްކާވެސް ކޯވިޑްގެ ބަލިމަޑުކަން ފެތުރެމުންދިއުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެއެވެ.
ހޯމަދުވަހު ތެލުގެ އަގުތައް ބެރެންޓް ބެންޗްމާރކްގައި ހުރީ ފީފާއެއް 74.68 ޑޮލަރެށެވެ. އަދި ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (ޑަބްލިޔުޓީއައި) ބެންޗްމާރކްގައި ހުރީ ފީފާއެއް 72.91 ޑޮލަރަށެވެ.
ތެލުގެ ދަށަށް ގޮސްފައި މިވަނީ މިދިޔަ ހަފްތާގައި ދެ ބެންޗްމާރކުގެ އަގުތައްވެސް އުފުލުމަށްފަހުއެވެ. އަދި އެއީ 2018 ވަނަ އަހަރަށް ފަހު ތެލުގެ އަގު އެންމެބޮޑުވި ފަހަރުކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ތެލުގެ ބާޒާރު ދިރާސާކުރާ މާހިރުން ވިދާޅުވާ ގޮތުގައި ހޫނުމޫސުމުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދާނެކަމަށް ބެލެވުނު ނަމަވެސް މި ހަފްތާގައި ތެލުގެ އަގު ވަނީ ދަށަށް ގޮސްފައިކަމަށެވެ. އަދި މިއީ ކޮރޯނާ ވައިރަހުގެ އައު ވޭރިއަންޓެއްކަމަށްވާ ޑެލްޓާ ވޭރިއަންޓްގެ ރާޅެއް ޔޫރަޕާއި ދެކުނުއިރުމަތީ އޭޝިއާ އަދި އޮސްޓްރޭލިއާއަށްވެސް އައުމުގެ ސަބަބުން ދިމާވި ކަމެއްކަމަށް މާހިރުން ބުނެއެވެ.
މި ވޭރިއަންޓް ފެނުމާއެކު އޮސްޓްރޭލިއާ ވަނީ އަލުން ފުރަންބަންދަކަށް ގޮސްފައެވެ. އިންޑޮނޭޝިއާގައި ރެކޯޑް ޢަދަދަކަށް ކޭސްތައް އިތުރުވަމުންދާއިރު މެލޭޝިއާގައިވެސް ވަނީ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. އަދި ތައިލޭންޑުންދަނީ މި ވައިރަހާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.
ތެލުގެއަގު މި ހަފްތާގައި ދަށްވުމާއެކު ގިނަ ބަޔަކު މިހާރުތިބީ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އޮރގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯރޓިންގ ކަންޓްރީޒް (އޯޕެކް) ގެ ބައްދަލުވުމުން މިކަމާއިމެދު ނިންމާނެ ގޮތެއްގެ އިންތިޒާރުގައެވެ.
މިދިޔަ މެއި މަހުން ފެށިގެން ޖުލައިމަހާއި ހަމައަށް އޯޕެކުން ދަނީ ދުވާލަކަށް 2.1 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރެމުންނެވެ. އަދި ވޭތުވެދިޔަ ހަފްތާތަކުގައި ތެލުގެ އަގު އުފުލިގެން ދިއުމާއެކު އޯގަސްޓްމަހުން ފެށިގެން ބާޒާރަށް ތެޔޮ ނެރޭ މިންވަރު އިތުރުކުރުމަށް ނިންމާނެކަމަށް ބެލެވޭ ކަމަށްވެސް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
މާހިރުން ބުނާގޮތުގައި އޮގަސްޓުމަހު އޯޕެކުން ދުވާލަކަށް 500000 ފީފާގެ ތެޔޮ ބާޒާރަށް ނެރޭނެކަމަށް ބެލެވެއެވެ. ނަމަވެސް އަބޫދާބީ ނޭޝަނަލް އޮއިލް ކޯޕަރޭޝަން (އޭޑީއެންއޯސީ) އިން އޭޝިއާގެ ޤައުމުތަކަށް ތެޔޮ ފޯރުކޮށްދޭ މިންވަރު 15 އިންސައްތައަށް ދަށްކުރާނެކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މީގެއިތުރުން ރަޝިއާއިންވެސް ވަނީ އެޤައުމުގައި އެވަރޭޖްކޮށް ތެޔޮ އުފައްދާ މިންވަރު ދަށްކޮށްފައެވެ.
އަނެއްކޮޅުން 2015 ވަނަ އަހަރު ޤާއިމުކޮށްފައިވާ ނިއުކުލިއަރ އެއްބަސްވުން އަލުން އައު ކުރުމުގެ ވާހަކަތައް އަނެއްކާވެސް އީރާނާއި އެމެރިކާއާއި ދެމެދެ ވަނީ ފަށާފައެވެ. މި އެއްބަސްވުމުގެ ސަބަބުން އިރާނުން ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ މިންވަރު އިތުރުވެގެންދާނެކަމަށް ކުރިން ވަނީ ބެލެވިފައެވެ.
ނަމަވެސް އިރާނުން އެހީވާ އީރާޤު އަދި ސީރިއާގައި ހުންނަ މިލިޓަރީ ބޭސްތަކަށް އެމެރިކާއިން އާދިއްތަ ދުވަހު ދިން ވައިގެ ހަމަލާތަކާއި ގުޅިގެން މި އެއްބަސްވުމުގެ ވާހަކަތައް އަނެއްކާވެސް ލަސްވެދާނެކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.