އިންޑިޔާއިން ކޯވިޑް-19 ވެކްސިން ގަތުމަށް ބުރެޒިލުން ޤާއިމުކޮށްފައިވާ 324 ބިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމަށް ޢަމަލުކުރަން މަޑުޖައްސައިލުމަށް ނިންމައިފިއެވެ.
އިންޑިޔާގެ ބަރަތު ބަޔޯޓެކުން އުފައްދާ ކޮވެކްސިންގެ 20 މިލިޔަން ޑޯޒު ގަތުމަށް ބުރެޒިލުން އެއްބަސްވުމެއް ޤާއިމުކޮށްފައިވަނީ އުޞޫލުތަކާ ޚިލާފަށްކަމަށް ތުޙްމަތުކުރެވެއެވެ. އެ ގޮތުން ބުރެޒިލުގެ ޞިއްޙަތާބެހޭ ވުޒާރާއިންވަނީ އެއްބަސްވުމުގައި ހުރި މައްސަލަތައް އެ ޤައުމުގެ ރައީސް ޖައީޚު ބޮލްސޮނާރޯގެ ސަމާލުކަމަށް ގެނެސްފައެވެ. އޭގެ އިތުރުން އޮޅުވާލުމާއި ފަސާދައިގެ ތުޙްމަތުތައް ބޮލްސޮނާރޯއަށްވަނީ ރައްދުވެފައެވެ. ނަމަވެސް އެއްބަސްވުމުގައި މައްސަލައެއް ނެތްކަމަށާއި މައްސަލައެއް އޮތްނަމަ އެކަން އެނގިވަޑައިނުގަންނަވައިކަމަށް ބޮލްސޮނާރޯވަނީ ވިދާޅުވެފައެވެ.
ބުރެޒިލުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އެއްބަސްވުމާ ގުޅިގެން އަމާޒުވެފައިވާ ތުޙްމަތުތައް ގާތުން ބަލާނެކަމަށެވެ. އަދި މިހާތަނަށް ކުރި ތަޙްޤީޤުތަކުން އުޞޫލާ ޚިލާފު އެއްވެސް ކަމެއް ދެނެގަނެވިފައި ނުވައިކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެއްބަސްވުމުގެ މައްސަލަ ބަލަމުންދާ ވުޒާރާއިން ބުނާ ގޮތުގައި އެއްބަސްވުމުގައި ހިމަނާފައިވާ އަގުތަކަކީ ޢާންމު އަގުތަކަށްވުރެ ބޮޑު އަގުތަކެއްކަމަށާއި އެއްބަސްވުން ޤާއިމުކޮށްފައިވަނީ ވަރަށް އަވަސްއަރުވާލައިގެންކަމަށެވެ. އަދި ކޮވެކްސިން ބޭނުންކުރުމުގެ ޙުއްދަ ދީފައި ނުވައިކަމަށްވެސް އެ ވުޒާރާއިންވަނީ ފާހަގަކޮށްފައެވެ.
ކޮވެކްސިން ހޯދުމަށް ބުރެޒިލުގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިން ތަޙްޤީޤުކުރުމަށް ކޮމިޓީއެއްވަނީ އެކުލަވާލައިފައެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރަކުވަނީ ބޮލްސޮނާރޯއާ ދެކޮޅަށް އެ ޤައުމުގެ ސުޕުރީމު ކޯޓަށް މައްސަލައެއްވެސް ހުށަހަޅުއްވައިފައެވެ.