ޚަބަރު

ކޯވިޑް ބަލީގައި މިއަދު 2 މީހުން ނިޔާވެއްޖެ


ގދ.ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާ ދެމުންގެންދިޔަ ދިވެއްސަކު ނިޔާވެ މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 213އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާ ގޮތުގައި ރޭ މެންދަމު 01:55 ހާއިރު ނިޔާވެފައިވާ މިމީހާއަކީ ގދ.ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ކޯވިޑް ބަލީގައި އިއްޔެ ޢުމުރުން 81 އަހަރުގެ ދިވެހި އަންހެނަކުވެސްވަނީ ނިޔާވެފައެވެ.

މިއާއެކު ރާއްޖެއިން 213 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 194 ދިވެހިންނާއި، 19 ބިދޭސީންނެވެ.

ކޯވިޑް ބަލީގައި އެންމެ ގިނަ މީހުން ނިޔާވީ ނިމުނު މޭ މަހުއެވެ. މޭ މަހު 80 އަށްވުރެ ގިނަ މީހުން ރާއްޖެއިން ނިޔާވިއެވެ. އެންމެ ގިނަ ކޯވިޑް ކޭސްތައްވެސް ރިޕޯޓްކޮށްފައިވަނީވެސް މެއިމަހުއެވެ.

އޭޕްރީލް މަހުން ފެށިގެން ރާއްޖެއަށް ކުރިމަތިވި ކޯވިޑް-19ގެ ރާޅާއެކު ބަލީގެ ނުރައްކާ ކުޑަކުރުމަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެއާއެކު މާލެއިން ރިޕޯޓުކުރާ ކޭސްތައް މަދުވިނަމަވެސް ބައެއް ރަށްރަށުގައި އަދިވެސް ބަލީގެ ނުރައްކާ ކުޑަކުރެވިފައެއް ނުވެއެވެ.

ޖުމްލަކޮށް ޕޮޒިޓިވް ކޭސްތައް މަދުވަމުން ދިއުމާއެކު ރާއްޖޭގައި މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދާއި އެޑްމިޓްކޮށްގެން ފަރުވާ ހޯދާމީހުންގެ އަދަދުވެސްވަނީ މަދުވެފައެވެ. އެގޮތުން މި ޖޫންމަސް ފެށުނު އިރު 24،000ގައި އެކްޓިވް ކޭސްތައް ހުރުމަށްފަހު މިހާރު އެއަދަދުވަނީ 3600 ގައެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާދެމުންގެންދަނީ 28 މީހުންނަށެވެ.