ދުނިޔޭގެ ވިޔަފާރި

ކޯވިޑްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށް 4 ޓްރިލިއަން ޑޮލަރުގެ ގެއްލުން


މިދިޔަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ނޮވެލް ކޮރޯނާ ވައިރަހުގެ ސަބަބުން ފަތުވެރިކަމުގެ ސިނާޢަތަށް ލިބުނު ގެއްލުން 4 ޓްރިލިއަން ޑޮލަރަށް އަރާނެކަމަށް އދގެ ރިޕޯޓެއް ބުނެފިއެވެ.

ވޯލްޑް ޓުއަރިޒަމް އޮރގަނައިޒޭޝަން އަދި ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް، ޔޫއެންޑަބްލިޔުޓީއޯގެ ރިޕޯޓުގައިވާ ގޮތުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފުޅާ ދާއިރާއެއްގައި ވެކްސިން ފޯރުކޮށް ނުދެވުމަކީ މި އިޤްޠީޞާދީ ގެއްލުން މެދުވެރިވި މައިގަނޑު އެއް ސަބަބުކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާޢަތަކީ ގިނަ ބަޔަކު ޢާމްދަނީ ހޯދަން މަސައްކަތްކުރާ ދާއިރާކަމަށްވާއިރު ފުޅާދާއިރާއެއްގައި ވެކްސިންދީ ރައްކާތެރި ފަތުރުވެރިކަމެއް އަލުން ފެށުމަކީ ވަޒީފާތައް އިތުރުކުރުމަށާއި އެހެނިހެން މަގުތައް ފަހިކުރުމަށް މުހިންމުކަމެއްކަމުގައި ޔޫއެންޑަބްލިޔުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކަކުން ބައިނަލްއަޤުވާމީ ފަތުރުވެރިކަމަށް ބަރޯސަވާކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ވެކްސިން ދޭ މިންވަރު ދަށްވެފައިވާ ގިނަ ޤައުމުތަކަކީ ތަރައްޤީވަމުން އަންނަ ޤައުމުތައްކަމުން މި ޤައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާޢަތް ވަނީ ވަރަށްބޮޑަށް ދަށްވެފައިކަމަށްވެސް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

މިދިޔަ އަހަރު ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެނޫން ދަތުރުތައް ކުރުން ގިނަ ޤައުމުތަކުން ވަނީ މަނާކޮށްފައެވެ. މިއާއިއެކު މިދިޔަ އަހަރުގެ ބޮޑު ބައެއްގައި ވަނީ ބައިނަލްއަޤުވާމީ ވައިގެ ދަތުރުތައް މުޅިންހެން ހުއްޓާލަން ޖެހިފައެވެ. މީގެސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށް 2.4 ޓްރިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ.

ބަލިމަޑުކަމަށް ވެކްސިން ދޭ މިންވަރަށް ބަލައި މި އަހަރުވެސް މިވަރުގެ ގެއްލުމެއް މި ސިނާޢަތަށް ލިބިދާނެކަމަށް ބައެއް ފަރާތްތަކުން ދަނީ އިންޒާރު ދެމުންނެވެ.
ވިޔަފާރިތައް ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި މިއަހަރުގެ ދެވަނަ ހާފްގައި ފަތުރުވެރިކަމުގެ ސިނާޢަތަށް ކޮންމެވެސް ވަރެއްގެ އާރާސްތުކަމެއް ލިބިގެން ދާނެއެވެ. ޚާޞަކޮށް އުތުރު އެމެރިކާ އަދި ޔޫރަޕްގެ ސަރަޙައްދުތަކަށް ކުރިއެރުން އަންނާނެކަމަށް ބެލެވޭކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

ޤައުމުތަކުގައި ވެކްސިން ފޯރުކޮށްދޭ މިންވަރު ތަފާތުވުމުގެ ސަބަބުން ބައެއް ޤައުމުތަކުގައި އާބާދީގެ އެންމެ އިންސައްތައަކަށް ވެކްސިން ދީފައިވާއިރު އަނެއްބައި ޤައުމުތަކުގައި އާބާދީގެ 60 އިންސައްތައަށް ވެކްސިން ދީފައިވާކަން ތަޖުރިބާކާރުން ފާހަގަކުރެވެއެވެ.

ވެކްސިންދޭ ރޭޓް އެމެރިކާފަދަ ބައެއް ޤައުމުތަކުގައި އިތުރުވެ، ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާނަމަވެސް ބަލިމަޑުކަމުގެ ކުރިން މި ސިނާޢަތު އޮތް މިންވަރަށް ކުރިއަރާނެކަމަށް އެންމެ އަވަހަށްވެސް ލަފާ ކުރެވެނީ 2023 ގައެވެ.