ދުނިޔޭގެ ވިޔަފާރި

އޯޕެކުން ބަޒާރަށް ނެރޭ ތެލުގެ މިންވަރު އިތުރުކުރަނީ


ތެލުގެ އަގު އުފުލިގެންދާތީ މިއަހަރުގެ އޯގަސްޓްމަހުން ޑިސެމްބަރުމަހަށް ދުވާލަކަށް 2 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް އިތުރަށް ނެރެން މަސައްކަތް ކުރާނެކަމަށް އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީޒް، އޯޕެކްއިން ބުނެފިއެވެ.

އޯޕެކްއިން ބުނީ މިއީ ކޮންމެ މަހަކު މިހާރު ބާޒާރަށް ނެރޭ އަދަދަށްވުރެ 0.5 މިލިއަން ފީފާގެ އިތުރުވުމެއްކަމަށެވެ. މީގެއިތުރުން އޯޕެކުން އެންމެ ގިނައިން ތެޔޮ އުފައްދާ އެއްޤައުމު ކަމަށްވާ ސައޫދީ ޢަރަބިއްޔާ އަދި އޯޕެކުގައި ނުހިމެނޭ ރަޝިއާއާއި ދެ ޤައުމުންވެސް ވަނީ އެ ޤައުމުތަކުން ތެޔޮ އުފައްދާ ބާޒާރަށް ނެރޭ މިންވަރު އިތުރުކުރުމަށް އެއްބަސްވެފައެވެ.

ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ތެލަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުން މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އޯޕެކުން އުފައްދަމުންދިޔައީ ދުވާލަކަށް 10 މިލިއަން ފީފާގެ ތެލެވެ.

ތެޔޮ އުފައްދާ މިންވަރު އިތުރުކުރާނެކަމުގެ ޚަބަރާއި ގުޅިގެން ބައެއް ވިޔަފާރިތަކުންދަނީ މިހާރުވެސް ތެލުގެ އަގު ބޮޑުކުރަމުންނެވެ. ބްރެންޓް ބެންޗްމާރކްގައި ތެލުގެ އަގު މިވަގުތު ހުރީ ފީފާއެއް 76.40 އެމެރިކާ ޑޮލަރަށެވެ. އަންނަ ހަފްތާގައިވެސް ތެލުގެ ޑިމާންޑް އުފުލޭނެކަމަށް ބެލެވޭއިރު ތެލުގެ އަގު އުފުލެމުންދިއުމުގެ ސަބަބުން ހޫނުމޫސުމުގައި ތެލުގެ ބާޒާރު އަގުތަކަށް އަދިވެސް ބަދަލު އަންނާނެކަމަށް މާހިރުން ވިދާޅުވެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި އޯޕެކް ޤައުމުތަކުގެ ބައްދަލުވުމުން އޯގަސްޓްމަހުން ފެށިގެން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމާއި އޭގެ އިތުރަށް ކުރެވޭނެ ކަންތައްތަކާއި މެދު ގޮތެއް ނިންމޭނެކަމަށް ބެލެވޭކަމަށް ޚަބަރުތައް ބުނެއެވެ.

ސައޫދީ ޢަރަބިޔާ، ރަޝިއާ އަދި އެހެން ޤައުމުތަކުންވެސް ދަނީ މިކަމަށް އެއްބާރުލުން ދެމުން ކަމަށާއި ނަމަވެސް ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އަދިވެސް އޯޕެކަށް ގިނަ ދަތިތަކެއް އެބަހުރިކަމަށް ޚަބަރުތައް ބުނެއެވެ.