މަލްޓިނޭޝަނަލް ވިޔަފާރިތަކުން ޓެކްސް ނެގޭ އެންމެ މަދުމިންވަރު ކަމަށްވާ 15 އިންސައްތައަށް އިންޑިއާއިން ތާޢީދު ކުރާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.
އެމެރިކާއިން ހުށަހަޅާފައިވާ މި ހުށަހެޅުމަށް ޖީ ޓުވެންޓީގެ 20 ޤައުމާއި އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް، އޯއީސީޑީގެ މެމްބަރު ޤައުމުތައްވެސް ހިމެނޭގޮތަށް 130 ޤައުމެއްގެ ތާޢީދު ވަނީ ލިބިފައެވެ.
މަލްޓިނޭޝަނަލް ޓެކްސް ނިޒާމުން ލިބޭ ފައިދާތަކުގެ ތެރޭގައި ވިޔަފާރިތަކުން ލިބޭ ފައިދާގެ ޙިއްޞާ ބޮޑުވުމާއި ނާޖާއިޒު ގޮތުގައި ޓެކްސްއިން ފައިދާ ނެގުން ހުއްޓުވުން ހިމޭނެކަމަށް އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ނަމަވެސް ފައިދާގެ ޙިއްޞާ ބަހާނެ ގޮތަކާއި ޓެކްސްގެ ޤަވާއިދުތައް އެކަށައަޅާނެ ގޮތެއް ކަނޑައަޅަންޖެހޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މި ހުށަހަހެޅުމާއި ބެހޭގޮތުން އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވަނީ އިންޑިއާގެ މާލީ ވަޒީރު ނިރުމަލާ ސިތާރަމަންއާ އަންގާރަ ދުވަހު ވާހަކަ ދައްކާފައެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ވިދާޅުވިގޮތުގައި މި ޓެކްސްގެ ސަބަބުން އިންވެސްޓްމަންޓްތައް އިތުރުވެ، އިޖްތިމާޢީ އަދި އިޤްޠިޞާދީ ތަރައްޤީގެ ކަންކަންކުރިއަށް ގެންދިއުމާއި، ތަޢުލީމު ކުރިއަރައި މީގެއިތުރުން ބަލިމަޑުކަމުން އަރައިގަތުމަށްވެސް ފަސޭހަ ވެގެންދާނެއެވެ.
އިންޑިއާއިން ބުނާގޮތުން ތަންފީޒުކުރުމަށާއި ފުރިހަމަ ކުރުމަށް ފަސޭހަ މި ޙައްލަށް އިންޑިއާއިން ތާޢީދު ކުރާކަމަށާއި މީގެސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ރަނގަޅު އާމްދަނީއެއް ލިބޭނެއެވެ.
މަލްޓިނޭޝަނަލް ވިޔަފާރިތަކުން ޓެކްސް ނެގޭ އެންމެމަދު މިންވަރު ކަމަށްވާ 15 އިންސައްތައަށް 130 ޤައުމެއްގެ ތާއިދު ލިބިފައިވާއިރު، ދުނިޔޭގެ ޖީޑީޕީގެ 90 އިންސައްތަ މި ޤައުމުތަކުން ޙިއްޞާކުރާކަމަށް އޯއީސީޑީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. މި ހުށަހެޅުމަކީ ޓެކްސް ރޭޓް ދަށް ޤައުމުތަކުގައި ވިޔަފާރިތައް ހުޅުވުމަށް ހިތްވަރު ނުދިނުމުގެ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. އަދި މިދިޔަމަހު އިނގިރޭސިވިލާތުގެ ކޯރންވޯލްގައި ބާއްވާފައިވާ ދުނިޔޭގެ އެންމެ މުއްސަނދި 7 ޤައުމުގެ ލީޑަރުންގެ ބައްދަލުވުމުން މި ހުށަހެޅުމަށް ތާޢީދު ކުރަން ވަނީ ނިންމާފައެވެ.
އިންޑިއާ އަދި ޗައިނާއިން މީގެކުރިން މި ހުށަހެޅުމަށް ތާއީދު ނުކުރިޔަސް، މި ދެ ޤައުމުންވެސް މިހާރު ވަނީ މިކަމަށް ތާއީދު ކޮށްފައެވެ. ޤައުމުތަކުން ނެގި މި ފިޔަވަޅުން ދައްކައިދެނީ ދިގު މުއްދަތަކަށް ބަދަލެއް ނައިސް އޮތް ޓެކްސް ނިޒާމަށް ރަނގަޅު ހެޔޮ ބަދަލުތަކެއް ގެނެވިދާނެކަންކަމުގައި ޚަބަރުތައް ބުނެއެވެ.
މަލްޓިނޭޝަނަލް ވިޔަފާރިތަކުން ޓެކްސް ނުދެއްކުމުގެ ސަބަބުން އަހަރަކު 240 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭކަމަށް އޯއީސިޑީގެ ޑިރެކްޓަރ ވަނީ ވިދާޅުވެފައެވެ.