އަންނަ މަހުން ފެށިގެން ބާޒާރަށް ނެރޭ ތެލުގެ މިންވަރު އިތުރުކުރަން އޯޕެކުން ނިންމައިފިއެވެ. އެ ޖަމިއްޔާއިން މިގޮތަށް ނިންމާފައިވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.
ބާޒާރަށް ނެރޭ ތެލުިގެ މިންވަރު އިތުރުކުރުމަށް މި ބައްދަލވުމުގައި ބައިވެރިވި ހުރިހާ ޤައުމަކުން އެއްބަސްވި ނަމަވެސް އެކަމާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ވަނީ ދެކޮޅު ހަދާފައެވެ. އެޤައުމުން ބުނީ ބާޒާރަށް ނެރޭ ތެލުގެ މިންވަރު އިތުރުކުރުމަށް އެއްބަސްވެވޭނީ ތެޔޮ އުފައްދާނެ ވަކި މިންވަރެއްވެސް ކަނޑައެޅުންކަމަށެވެ.
ތެލަށް އޮތް ޑިމާންޑު އިތުރުވަމުންދާތީ މިއަހަރުގެ އޯގަސްޓުން ޑިސެމްބަރަށް ދުވާލަކު 400000 ފީފާގެ ތެޔޮ ބާޒާރަށް ނެރެން އޯޕެކުން ވަނީ އެއްބަސްވެފައެވެ.
އޯޕެކް ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން ތެޔޮ އުފައްދާ ސައުދީ ޢަރަބިއާ އަދި އޯޕެކްގައި ނުހިމެނޭ ރަޝިއާއިންވެސް ވަނީ ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ނިންމާފައެވެ.
ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ތެލަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުން މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އޯޕެކުން އުފައްދަމުން ދިޔައީ ދުވާލަކަށް 10 މިލިއަން ފީފާގެ ތެލެވެ.
ތެލުގެ ޑިމާންޑް ބޮޑުވެ ބާޒާރުގައި ތެލުގެ އަގު ބުރާސްފަތި ދުވަހުވެސް ވަނީ އުފުލިފައެވެ. ބްރެންޓް ބެންޗްމާރކްގައި ތެލުގެ އަގު ހުރީ ފީފާއެއް 76.03 އެމެރިކާ ޑޮލަރަށެވެ. އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް ، ޑަބްލިޔުޓީއައި ބެންޗްމާރކްގައި ތެލުގެ އަގު ހުރީ ފީފާއެއް 75.16 އެމެރިކާ ޑޮލަރަށެވެ. ހޫނުމޫސުމުގައި ތެލުގެ ބާޒާރު އަގުތަކަށް އަދިވެސް ބަދަލު އަންނާނެކަމަށް މާހިރުން ވިދާޅުވެއެވެ.