ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މާލީ ދަތިކަން ދިމާވެފައިވާތީ، ބޭރު ފައިސާ ބޭރުކުރާ މިންވަރު މަދުކުރަން ސްރީލަންކާގެ މަރުކަޒީ ބޭންކުން ނިންމައިފިއެވެ.
2019ވަނަ އަހަރުގެ ފަހުކޮޅުގެ ފެށިގެން ސްރީ ލަންކާގެ ބޭރުފައިސާގެ ރިޒާރވް ވަނީ 4 ބިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. މިދިޔަ އަހަރު އެޤައުމުގެ ފައިސާގެ އަގުވެސް ވަނީ ރެކޯޑް ޢަދަދަކަށް ދަށަށްގޮސްފައެވެ. މިއާއިއެކު އެޤައުމުގެ މަރުކަޒީ ބޭންކުންވަނީ 6 މަސްދުވަހުގެ މުއްދަތަކަށް ބޭރުގެ އިންވެސްޓްމަންޓުތައް އިންވެސްޓްކުރުން މަނާކޮށްފައެވެ. އަގުބޮޑު މުދަލާއި ކާރުފަދަ ތަކެތި އެ ޤައުމަށް އެތެރެކުރުންވެސް މިދިޔަ އަހަރު ވަނީ މަނާކޮށްފައެވެ.
މީގެއިތުރުން މިހާރުވެސް އެތެރެކުރުން މަނާކޮށްފައިވާ މޯބައިލް ފޯނާއި ކޮމްޕިޔުޓަރ އަދި އިލެކްޓްރޯނިކް އެހެނިހެން ގިނަ ސާމާނުވެސް އެތެރެކުރުން މަނާކޮށްފައިއޮތް މުއްދަތު އިތުރުކުރުމަށް މަޝްވަރާތައް ކުރަމުންދާކަމަށް މިޑިއާތަކުން ރިޕޯޓް ކުރެއެވެ. މި މަނާކުރުންތަކުގެ މަޤްޞަދަކީ މާލީގޮތުން ޤައުމަށް ދިމާވެފައިވާ މި ޙާލަތުން އަރައިގަތުމަށް އެހީތެރިވެ މާލީ ނިޒާމް ދެމެހެއްޓުން ކަމުގައި ލަންކާ ސަރުކާރުން ނެރެނު ބަޔާނެއްގައި ވެއެވެ.
މިއާއިއެކު ބޭރުގެ ޤައުމުތަކަށް ލަންކާއިން ދަރާފައިވާ ދަރަނި އަދާކުރެވޭނެ ކަމުގެ ޤާބިލިއްޔަތުކަން އެޤައުމުގެ މާލީ ނިޒާމުގައި ހުރިކަމާމެދު ބައިނަލްއަޤުވާމީ ރޭޓިންގ އެޖެންސީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އެޤައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވާގޮތުގައި ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި އެޤައުމުގެ ދަރަނިން 3.6 ބިލިއަން ޑޮލަރު ދެއްކޭވަރުވާނެއެވެ.
އޭޝިއާގެ ބައެއް ޤައުމުތައްކަމަށްވާ ބަންގްލަދޭޝް، ޗައިނާ، ދެކުނު ކޮރެއާއިންވެސް ލަންކާއިން ވަނީ ލޯނު ނަގާފައެވެ. އޯގަސްޓްމަހު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފުން 800 މިލިއަން އެމެރިކާ ޑޮލަރު އެ ޤައުމަށް ލިބޭނެކަމަށް އުންމީދުކުރާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ޢިޖްތިމާޢީ އަދި އިޤްޠިޞާދީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޮޑެތިޢަދަދުން އިންވެސްޓް ކުރުމުގެ ސަބަބުން ލަންކާގެ ދަރަނި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މި މަޝްރޫޢުތަކުން އެއްވެސް ފައިދާއެއް ކޮށްފައިނުވާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މިއައި އިޤްޠިޞާދީ ހީނަރުކަމަކީ 1948 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން މިނިވަންވީފަހުން އިޤްޠިޞާދީގޮތުން ލަންކާއަށް ކުރިމަތިވި އެންމެބޮޑު ހީނަރުކަމެވެ.