ޚަބަރު

ސުޕެއިނުގެ ޒުވާނުންގެ މެދުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެއްޖެ


ސުޕެއިނުގެ ޒުވާނުންގެ މެދުގައި ކޯވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

ސުޕެއިނުގައި މިހާތަނަށް 3.8 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 80،934 މީހުންވަނީ މަރުވެފައެވެ. މިދިޔަ އޭޕުރިލް މަހުގެ ތެރޭގައި އެ ޤައުމުގައި ބަލިފެތުރޭ މިންވަރު ދަށަށް ދިޔުމުން ބޭރުގެ މާޙައުލުތަކުގައި މާސްކު އެޅުން މަޖުބޫރުކުރުންފަދަ ޤަވާއިދުތަކަށް އެ ޤައުމުގެ ސަރުކާރުންވަނީ ލުއިތަކެއް ދީފައެވެ. ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ އަނެއްކާވެސް އިތުރުވާން ފަށައިފައެވެ. ފާއިތުވި ތިން ދުވަހުގެ ތެރޭގައި އެ ޤައުމުގައި 32،607 މީހުންނަށް ވަނީ ބަލިޖެހިފައެވެ. އެއީ އޭގެ ކުރީ ހަފުތާއާ އަޅައިބަލައިނަމަ 85 އިންސައްތައިގެ އިތުރުވުމެކެވެ.

ސުޕެއިނުގައި މިދިޔަ ހަފުތާގެ ތެރޭގައި ބަލިޖެހިފައިވަނީ ކޮންމެ 100،000 މީހުންގެ ތެރެއިން 95 މީހުންނަށެވެ. ނަމަވެސް އެ ޢަދަދު މިހާރުވަނީ 204އަށް އިތުރުވެފައެވެ. 20 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންގެ އުމުރުފުރާގައި އެ ޢަދަދު ހުރީ 640ގައެވެ. އެ ޤައުމުގައި ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރެނީ ވެކްސިން ނުޖަހާ ޒުވާނުންގެ މެދުގައެވެ.

ފަރަންސޭސިވިލާތާއި ޕޯޗުގަލްފަދަ ވިލާތުގެ ބައެއް ޤައުމުތަކުގައި ވެކްސިން ދެނީ ވަކި އުމުރުފުރައަކަށް ނުބަލައި 18 އަހަރުން މަތީގެ އެންމެންނަށެވެ. ނަމަވެސް ސުޕެއިނުގައި ވެކްސިން ދެމުންދަނީ އުމުރުފުރާތަކަށް ބަހާލައިގެންނެވެ. އެ ގޮތަށް ވެކްސިން ދިނުމުގައި އެންމެ އިސްކަންދެނީ ދޮށީ އުމުރުގެ މީހުންނަށެވެ. އެހެންކަމުން ގިނަ ޢަދަދެއްގެ ޒުވާނުން އަދިވެސް ތިބީ ވެކްސިން ނުޖަހައެވެ.

ސުޕެއިނުގައި އުމުރުން 40 އަހަރުން މަތީގެ 89 އިންސައްތަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒުވަނީ ދީފައެވެ. ނަމަވެސް އުމުރުން 20 އަހަރާއި 29 އަހަރުގެ މީހުންގެ ތެރެއިން ވެކްސިންގެ އެއް ޑޯޒު ޖަހާފައިވަނީ އެންމެ 14 އިންސައްތަ މީހުންނަށެވެ.