ސިޔާސީ

މިނިސްޓަރ ޝާހިދުގެ މަސައްކަތްޕުޅާއެކު ރާއްޖެއަށް އިތުރު ކުރިއެރުން ލިބޭނެ - ރައީސް


ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ މަސައްކަތްޕުޅުތަކާއެކު ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސްކަމަށް ހޮވިވަޑައިގެންފައިވާ، ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާ ބައްދަލުކުރެއްވުމަށްފަހުއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓަރ ޢަބްދުﷲ ޝާހިދަށް ލިބިވަޑައިގެންނެވި މި ކާމިޔާބީއަށްޓަކައި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި، ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފައެވެ. އަދި މި ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ފަޚުރަކާއި ޝަރަފެއްކަން ފާހަގަކުރައްވައި، މިއީ ޚާރިޖީ ދާއިރާގައި ދިވެހި ސަރުކާރުން ކުރާ މަސައްކަތްތައް ދުނިޔެ ބަލައިގަންނަކަމުގެ ހެއްކެއްކަމުގައި ވިދާޅުވިއެވެ.

ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓަރ ޝާހިދު އދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ފޮރިން މިނިސްޓަރުކަމުގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވެ، މިނިސްޓަރ ޝާހިދުގެ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސްކަމަށް އެމަނިކުފާނު ވާދަކުރެއްވުމަށް އެފުރުޞަތު ދެއްވައި އެ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކޮށްދެއްވި މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ސަރުކާރު ވެރިކަމާއި ހަވާލުވުމުގެ ކުރިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއޮތީ ވަރަށްބޮޑަށް އެކަހެރިވެ ނިކަމެތިވެފައިކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ، ރާއްޖެއަށް މިފަހަރު މި ކާމިޔާބީ ލިބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން ބައިނަލްއަޤްވާމީ މުޖުތަމަޢާއި އަލުން ގުޅުންބަދަހިކުރައްވައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިތުބާރު އަލުން ހޯއްދަވައި ކުރެއްވި ގިނަގުނަ މަސައްކަތްތަކުގެ ސަބަބުންކަމުގައެވެ.

މި ކާމިޔާބީއަކީ 1965ވަނަ އަހަރު ރާއްޖެ މިނިވަން ދަޢުލަތެއްގެ ގޮތުގައި ޤާއިމްވުމަށްފަހު ޚާރިޖީ ދާއިރާއިން ލިބިގެންދިޔަ އެންމެބޮޑު އެއް ކާމިޔާބީކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި އދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން ރާއްޖެއަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވައި ކުރިއެރުން ގެނެސްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރ ދެއްވިއެވެ.

އދ.ގެ 76ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތީ، އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއި ރަސޫލާ ވާދަކުރައްވާ، އދ.ގެ މެންބަރު ޤައުމުތަކުގެ ތެރެއިން 143 ޤައުމުގެ ވޯޓާއެކުއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ. އދ.ގެ ޢާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ އިސް އެއް މަގާމެވެ. ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ޖިއޮގްރަފިކް 5 ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެ. މިއީ އެއް އަހަރު ދުވަހުގެ ދައުރެކެވެ.