ޚަބަރު

އަގުދީގެން ވެހިކަލް ޕާކްކުރުމަށް މާލެއިން 211 ސްލޮޓަކަށް ކުރިމަތިލުމަށް ހުޅުވާލައިފި


މާލެ ސިޓީގެ ބައެއް މަގުތަކާއި ގޯޅިތަކާއި އަދި ބައެއް ސަރަހައްދުތަކުގައި ހަދާފައި ހުރި ޕާކިންގ ޒޯންތަކުން އަގުނަގައިގެން ވެހިކަލްތައް ޕާކްކުރުމަށް ކަނޑައަޅާފައިވާ ޖާގަތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މާލޭގެ 10 ސަރަޙައްދަކުން ކަނޑައަޅާފައިވާ މި ޖާގަތަކަކީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަކޮށްފައިިވާ ޕާކިން ސްލޮޓްތަކެކެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، ޖާގަ ދޫކުރެވޭނީ 350 ކިލޯގެ ޕިކަޕް، ކާރު، ވޭން އަށް 211 ޖާގަކަމަށެވެ. އަދި ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކާއި، ޖާގައިގެ އަދަދު ސިޓީ ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން އެންމެ ގިނަ ޖާގައަށް ހުޅުވާލާފައިވަނީ ހެންވޭރު ސަލްމާން މިސްކިތު ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ ޕާކިންގ ޒޯންތަކުންނެވެ. އެގޮތުން އެ ސަރަޙައްދުން 58 ޖާގަ ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. ދެން އެންމެ ގިނަ ޖާގަ ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވަނީ މއ. ވައިދެރިހިނގުން (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު) އިންނެވެ. އެ ސަރަޙައްދުން 44 ޖާގަ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

ވެހިކަލް ޕާކްކުރަން ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ އިތުރު ޖާގަތަކުގެ ތެރޭގައި މއ. ރާދަފަތިހިނގުން (އަމީނީމަގާއި ފަޅުމަތީމަގާއިދެމެދު) އިން 21 ޖާގަ، މއ. ކުރެދިގޯޅިން 10 ޖާގަ، މއ. ހުދުފަޅުހިނގުމުން 8 ޖާގަ، މ. ހިލާލީމަގު އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅިން 20 ޖާގަ، މ. ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި (ސްޓޭޑިއަމް ފަޅީގައި) 10 ޖާގަ، ޞަލާޙުއްދީން ޕާކިންގ ޒޯނުން 10 ޖާގަ އަދި ހ. އަލިމަސް ކާނިވާ ސަރަހައްދުން 6 ޖާގަ ހިމެނެއެވެ.

މީގެ އިތުރުން ހަމައެކަނި ޕްރައިވެޓް ކާރުތައް ޕާކުކުރުމަށް 24 ޖާގައެއް ކުއްޔަށް ދިނުމަށްވެސް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވެއެވެ. މި 24 ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗް ޕާކިންގ ހިމެނޭ ސަރަޙައްދުން ޗައިނާ އެމްބަސީ ކުރިމަތިންނެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ މި 211 ޒޯނަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 18ގެ ނިޔަލަށް ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ. އެގޮތުން 18 ޖުލައި 2021ގެ 14:00 ގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާބެހޭ ބަޔަށް އެކަމަށް އެދި ސިޓީއާއިއެކު، އައި.ޑީ ކާޑުގެ ކޮޕީ، ވެހިކަލްގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުއްވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. މިޕާކިން ޒޯންގެ ޖާގަ ލިބޭ ފަރާތްތައް ކަނޑައެޅުމަށް ނިންމާފައިވަނީ ގުރުއަތު ލައިގެންނެވެ.

ވަގުތީ ޕާކިންގ ސްލޮޓްތަކެއް ކުއްޔަށް ދިނުމުގެ އިތުރުން، މާލޭގެ މަގުތުގައި ހުރި ބާވެ ހަލާކުވެފައިވާ ވެހިކަލްތައް ނެގުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މިކަމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ސިޓީ ކައުންސިލުން ބައްދަލުކޮށް، މިކަން ކުރެވޭނެގޮތަކާމެދު މަޝްވަރާކޮށްފައިވާކަމަށް މުޢިއްޒު ވިދާޅުވެފައިވެއެވެ. ސިޓީ ކައުންސިލުން ބެލި ބެލުމުން، ބާވެ ހަލާކުވެފައިވާ 173 ވެހިކަލެއް މާލޭގެ އެކި ސަރަޙައްދުތަކުގައި ދޫކޮށްލާފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.