ރާއްޖޭގެ އުތުރަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، އޮރެންޖު އެލަރޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އޮރެންޖް އެލަރޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް މިއަދު ހަވީރު 5 އިން ފެށިގެން ރޭގަނޑު 9 ޖެހުމާހަމައަށެވެ. އެގޮތުން އެ ސަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، އުދައަރާނެކަމަށްވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
Orange Alert for Torrential rain, strong winds of 34-40 mph, gusts of 55 mph with rough seas and swell waves. pic.twitter.com/nyl7mLoZJ3
— Maldives Meteorology (@MetMaldives) July 9, 2021
ކުރިއަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ މޫސުން ވަރަށް ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ. ރާއްޖެއަށް މިހާރުކުރަމުން އަންނަ މޫސުމީ ވިއްސާރައިގެ ބާރު މިހަފްތާ ބަންދު ތެރޭގައި ގަދަވާނެކަމަށް މީގެކުރިންވެސް އެއިދާރާއިންވަނީ ލަފާކުރައްވާފައެވެ.
މެޓު އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި މޫސުން އެންމެ ގޯސްވާނެކަމަށް ބެލެވެނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައިކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކުރެވޭއިރު، މިވަގުތުގެ ތެރޭގައި ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށާ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައެރުމަކީވެސް އެކަށީގެންވާ ކަމެއްކަމުގައި މެޓު އޮފީހުން ވިދާޅުވެއެވެ.
މިދުވަސްވަރަކީ ޢީދު ޗުއްޓީއާއެކު ސްކޫލްތައް ބަންދުވުމާއި ގުޅިގެން ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާ ދުވަސްވަރެއްކަމުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. އަދި ބޯކޮށްވާރޭ ވެހި ފެންބޮޑުވުމާއި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާކަމެއްކަމުން ގެއަށް ފެން ވަދެގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަމާލުވުމަށްވެސް އެއިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.