ޚަބަރު

ކަމާލުއްދީން ޕާޓީއެއް ހަދަން ހުށަހަޅައިފި


ކުރީގެ ހޯމް މިިނިސްޓަރ އަބްދުﷲ ކަމާލުއްދީން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ޑީއާރުޕީއާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރުއެމްގައި ހަރަކާތްތެރިވެވަޑައިގެންފައިވާ އަބްދުﷲ ކަމާލުއްދީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އައު ޤާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި، ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ޤައުމުގައި ޙައްލުނުކުރެވި މައްސަލަތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން އެމައްސަލަތައް ހައްލުކުރުމަށް އައު ޢަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާންޖެހޭކަމަށް ކަމާލުއްދީން ވިދާޅުވިއެވެ. އެގޮތުން އޭނާއާ އެއް ޚިޔާލެއްގައި، އެއް މަޤްޞަދެއްގައި މަސައްކަތް ކުރައްވާ ފަރާތްތަކެއްގެ މަޝްވަރާގެ މަތިން، "ޤައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ނުވަތަ ނެޝަނަލް ސޮލިޑާރިޓީ ޕާޓީގެ ނަމުގައި، އައު ސިޔާސީ ޕާޓިއެއް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް، ހުށަހަޅާފައިވާކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.

ކަމާލުއްދީން ވިދާޅުވީ ޕާޓީއާ ގުޅޭ އިތުރު މަޢުލޫމާތު، އިލެކްޝަން ކޮމިޝަނުން ޕާޓީ އުފެއްދުމަށް ހުއްދަ ދެއްވުމުން ޙިއްސާ ކުރައްވާނެކަމަށެވެ.

ކަމާލުއްދީން ޕާޓީއެއް ހަދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި މިވަނީ، ޖުމްހޫރީ ޕާޓީ ތެރެއިން އިތުރު ޕާޓީއެއް އުފައްދަން އުޅޭކަމުގެ ޚަބަރުތަކެއް ފެތުރިފައި ވަނިކޮށެވެ. މީގެއިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްވެސް ވަނީ ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭކަމަށް ވިދާޅުވެފައެވެ.

އިތުރު ސިޔާސީ ޕާޓީތަކެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު، ރާއްޖޭގައި މިހާރުވެސް 10 ސިޔާސީ ޕާޓީ އެބައޮތެވެ.