މަލްޓިނޭޝަނަލް ވިޔަފާރިތަކުން ޓެކްސް ނެގޭ އެންމެމަދު މިންވަރަކީ 25 އިންސައްތަކަމަށް ކަނޑައަޅަން ފަރަންސޭސިވިލާތުން ގޮވާލައިފިއެވެ.
ފްރާންސުން މިކަމަށް ގޮވާލީ އިޓަލީގެ ވެނިސްގައި ނިމިގެންދިޔަ ޖީ-20 ޤައުމުތަކުގެ މާލީ ވަޒީރުންގެ ބައްދަލުވުމުގައެވެ.
ފަރަންސޭސިވިލާތުގެ މާލީ ވަޒީރު ވިދާޅުވިގޮތުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބޭނީ 25 އިންސައްތައަށް މި ޓެކްސް ބޮޑުކޮށްގެންނެވެ. މި ޓެކްސް ނެގޭ އެންމެ މަދުމިންވަރަކީ 15 އިންސައްތަކަމަށް ޖީ ޓުވެންޓީ ޤައުމުތަކުގެ މާލީ ވަޒީރުން ވަނީ ނިންމާފައެވެ. ނަމަވެސް ޓެކްސް ނަގާނެ އިތުރު ތަފްޞީލުތަކެއް އަދި ހާމައެއް ނުކުރެއެވެ.
މަލްޓިނޭޝަނަލް ވިޔަފާރިތަކުން ނަގާ ޓެކްސް އެއްގޮތްކުރަން މަސައްކަތް ކުރަމުން މިދަނީ ދަށް ރޭޓްގެ ޓެކްސް ނަގާ ޤައުމުތަކުގައި އިންވެސްޓްކޮށްގެން ބޮޑެތި ކުންފުނިތަކުން ފައިދާ ހޯދަމުންދާކަމަށް ބުނެއެވެ.
ތަރައްޤީވަމުން އަންނަ ޤައުމުތައްކަމަށްވާ ބްރެޒިލް ފަދަ ޤައުމުތަކުންވެސް އަންނަނީ މި ޓެކްސް ރޭޓް މަތިކުރުމަށް ގޮވާލަމުން ކަމުގައި ޔޫރަޕިއަން ޔޫނިއަންގެ އިކޮނޮމިކް ކޮމިޝަނަރ ވިދާޅުވިއެވެ.
އައު އުސޫލުގެ ދަށުން ޓެކްސް ނެގޭނީ 23.8 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ފައިދާއެއް ލިބޭ މަލްޓިނޭޝަނަލް ވިޔަފާރިތަކުންކަމަށް ބެލެވޭކަމަށް ބައެއް މާހިރުން ވިދާޅުވެއެވެ.
މަލްޓިނޭޝަނަލް ވިޔަފާރިތަކުން ޓެކްސްނެގޭ އެންމެމަދު މިންވަރަކީ 15 އިންސައްތަކަމަށް ކަނޑައަޅަން ދުނިޔޭގެ އެންމެ މުއްސަނދި، ޖީ ޓުވެންޓީ ޤައުމުތަކުގެ މާލީ ވަޒީރުން ވަނީ ހުކުރުދުވަހު އިޓަލީގެ ވެނިސްގައި ބޭއްވި ބައްދަލުވުމުގައި ނިންމާފައެވެ. އަދި މިބައްދަލުވުމުގައި ނިންމި ނިންމުން އޮކްޓޫބަރުމަހު އިޓަލީގެ ރޯމްގައި ބާއްވަން ހަމަޖެހިފައިވާ ސަމިޓަށް ހުށަހަޅާނެއެވެ. އަދި 2023 ވަނަ އަހަރު މިކަން ތަންފީޒުކުރަން މަސައްކަތްކުރާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.