ތަރައްްޤީ

ގްރޭޓަރ މާލެ ގްރިޑް އެނަރޖައިޒްކުރުމުގެ މަސައްކަތްކުރާއިރު ކަރަންޓް ކެނޑިދާނެ


މާލެ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޤާއިމްކޮށްފައިވާ ގްރޭޓަރ މާލެ ގްރިޑް އެނަރޖައިޒްކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ މި މަސައްކަތް މިމަހުގެ 4 ދުވަހެއްގައި ކުރިއަށްދާނެކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާ ދުވަސްތަކުގައި މާލެއާއި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް އެއް ވިއުގައަކުން ގުޅާލުމަށް ކުރިއަށްގެންދާ އިންޓަރކަނެކްޝަން މަޝްރޫޢުގެ ތެރެއިން ގްރޭޓަރ މާލެ ގްރިޑް އެނަރޖައިޒްކުރުމުގެ މަސައްކަތް ކުރިއަށްދާނީ މިމަހުގެ މިއަދާއި، މާދަމާ އަދި 21 އަދި 22 ވަނަ ދުވަހުއެވެ. އެގޮތުން މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށް މި މަސައްކަތް ކުރަމުންދާއިރު، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި ސިސްޓަމް އެނަޖައިޒް ކުރުމުގެ މަސައްކަތުގެ ދެވަނަ ދުވަހުގައި ގްރިޑް މާލޭގެ އިންޖީނުގެއާއި ސިންކޮރޮނައިޒް ކުރެވިގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

ގްރިޑްގެ ދެވަނަ ސާރކިޓް އެނަޖައިޒް ކުރުމަށް ސްޓެލްކޯއިން ތާވަލްކޮށްފައިވަނީ އަންނަ ބުދަދުވަހުއެވެ. އެދުވަހުވެސް ހެނދުނު 8:00 އިން ހަވީރު 5:00 އަށް މަސައްކަތް ކުރިޔަށްދާއިރު، މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މި މަސައްކަތުގެ ފަހު ދުވަސްކަމުގައިވާ އަންނަ ބުރާސްފަތި ދުވަހު ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒްކުރުމުގެ މަސައްކަތެވެ.

ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލެގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓްއިން ގުޅާލެވޭ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާރކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެއެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގައި ދިމާވާ ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މިމަޝްރޫއުގެ ދަށުން މާލެއާއި ހުޅުމާލެއާއި ހުޅުލެއާ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލާނެއެވެ. އެއާއެކު މިތިން ސަރަޙައްދުގެ ތެރެއިން އެއްވެސް ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވެ ކަރަންޓު ކެނޑޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އަނެއް ސަރަޙައްދުގައި ބަހައްޓާފައިވާ ގްރިޑު މެދުވެރިކޮށް އެތަނަކަށް ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ. މިގޮތަށް ކަރަންޓު ދިނުމަށް ބޭނުންވާ މައި ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖު ދަށުންނެވެ. ޖުމްލަ 6 ކޭބަލް މެދުވެރިކޮށް މިތިން ސަރަޙައްދުގެ ކަރަންޓު ގުޅާލަން އަޅާފައިވާ އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލެކެވެ.