މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުން ޢީދު ބަންދަށް ފަހު ބޭއްވުމަށް ނިންމައިފިއެވެ. ސިޓީ ކައުންސިލުން ވިދާޅުވީ މި ބައްދަލުވުން ބޭއްވުމަށްޓަކައި އެޗްޕީއޭގެ ގައިޑްލައިނަށް ރިޢާޔަތްކޮށް ސިޓީ ކައުންސިލުން ހުށަހެޅި ގައިޑްލައިނާ އެއްގޮތަށް ބައްދަލުވުންތައް ބޭއްވުމުގެ ހުއްދަ ދީފައިވާކަމަށެވެ.
މާލޭގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ ބައްދަލުވުންތައް މިހާރު ޝެޑިއުލްކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން ކޮންމެ އަވަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 5 ވަނަ ދުވަހުގައެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ މިއިން ކޮންމެ ބައްދަލުވުމެއް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30 ގައި ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅުގައި ދިިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ސިޓީ ޕާކުގައެވެ. އަންނަމަހުގެ 8 ވަނަ ދުވަހު ވިލިމާލެ ރައްޔިތުންނަށް ޚާއްސަކޮށްގެން ވިލިމާލެ ފުޓުބޯޅަ ދަނޑުގައި މިބައްދަލުވުން އޮންނައިރު މައްޗަންގޮޅި ރައްޔިތުންނަށް ބާއްވާ ބައްދަލުވުން އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު މާފަންނު ޓާފް ދަނޑުގައެވެ. މާފަންނު ރައްޔިތުންނަށް އަންނަމަހުގެ 12 ވަނަ ދުވަހު މި ބައްދަލުވުން ރަސްފަންނުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ހެންވޭރުގެ ރައްޔިތުންނަށް މި ބައްދަލުވުން އޮންނާނީ އަންނަމަހުގެ 14 ވަނަ ދުވަހު ލޮނުޒިޔާރަތް ޕާކްގައެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރާނީ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ޚިޔާލު ހޯދުމާއި، ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމާއި، ގުޅީފަޅުން ގޯއްޗާއި ފްލެޓް ދޭނެ ބިންކަނޑައެޅުމާމެދު ޚިޔާލު ހޯދުމަށްކަމަށެވެ. އަދި އިމާރާތްކުރުމުގެ މަސައްކަތަށް މަގުބަންދުކުރުމުގެ ވަގުތާ ބެހޭގޮތުންނާއި، މަގުމަތީގައި ހިނގާ މީހުންނަށް އުނދަގޫވާގޮތަށް ހުންނަ ކަންކަން ރަނގަޅުކުރުމާބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްގަމު އުޅަނދު ދުއްވުން މަނާ ގޯޅިތަކާބެހޭގޮތުންނާއި، ޓްރެފިކް ވާޑުން ތަޢާރަފްކުރުމަށް ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ސިޓީ ކައުންސިލުން ވިދާޅުވީ މި ބައްދަލުވުމުގައި ޕާކިންގް ބިލްޑިންގްތައް އަޅާނެ ތަންތަނާބެހޭގޮތުންނާއި، ފުޓްސަލް ދަނޑާއި ނެޓްބޯލް ކޯޓްތައް އަޅާނެ ތަންތަނާބެހޭގޮތުންވެސް މަޝްވަރާކުރާނެކަމަށެވެ. މީގެ އިތުރުން އެ އަވަށަކަށް ޚާއްޞަ ބައެއްކަންކަމާބެހޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ. އެގޮތުން މާފަންނު ބޮޑުގޭގައި މިސްކިތެއް އެޅުންފަދަ ކަންކަމާއި ސިޓީ ޕާކްގައި ރަނގަޅު ފެންވަރުގެ ޕާކެއް ތަރައްޤީކުރުން ފަދަ ކަންކަން ހިމެނެއެވެ.
ސިީޓީ ކައުންސިލުން ވިދާލުވީ ލޭންޑް ޔޫސް ޕްލޭން ހެދުމާބެހޭގޮތުން މިހާތަނަށް ރައްޔިތުންގެ ބައްދަލުވުމެއް ބާއްވައި ޚިޔާލު ހޯދާފައިވާކަމަށެވެ. މީގެ އިތުރުން ވަކިވަކި މުއައްސަސާތަކާ ކުލަބް ޖަމިއްޔާ ޖަމާޢަތްތަކާ އެސޯސިއޭޝަންތަކާ އެކުވެސް ސިޓީ ކައުންސިލުން ވަނީ ގިނަ ބައްދަލުވުންތަކެއް ބާއްވައި ޚިޔާލު ހޯދާފައެވެ.