ތަރައްްޤީ

ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް އޯގަސްޓް 17 އަށް ނިމޭނެ: އެޗް.ޑީ.ސީ


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކަށް ކަރަންޓް ގުޅައިދިނުމުގެ މަސައްކަތް އޯގަސްޓް 17 ގެ ނިޔަލަށް ނިންމާލެވޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވެއްޖެއެވެ. އެޗް.ޑީ.ސީން ވިދާޅުވީ، ހިޔާ ފްލެޓްތަކަށް ކަރަންޓް ގުޅައިދިނުމަށް ކޮންޓްރެކްޓަރުގެ ފަރާތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 25 ބުރީގެ 16 ޓަވަރަށް ކަރަންޓް ގުޅައިދިނުމުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުންނެވެ. ހިޔާ ޓަވަރުތަކުގައި ހިމެނޭ ހައުސިންގ ޔުނިޓްތަކަށް ކަރަންޓް ދިނުމަށް ބޭނުންވާ ކޭބަލްތައް އެޅުމާއި، ކަރަންޓް މީޓަރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. 16 ޓަވަރަށާއި އަދި އިތުރު ބޭނުންތަކަށް ޤާއިމުކުރި 1 ޓްރާންސްފޯމަރާއެކު ޖުމްލަ 17 ޓްރާންސްފޯމަރު ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށްވަނީ ބަހައްޓާފައެވެ.

މީގެ ދަށުން ޖުމްލަ 188 ކޭބަލް އަޅާފައިވާއިރު، މި މަސައްކަތުގައި މާލޭ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ހަރަކާތްތެރިވާ މައި ކުންފުނި، ސްޓެލްކޯއިންވެސް ވަނީ ބައިވެރިވެ، ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.


އެޗް.ޑީ.ސީން ވިދާޅުވީ، ހިޔާ ފްލެޓްތަކަށް ކަރަންޓު ގުޅައިދިނުމަށްޓަކާ ކޮންޓްރެކްޓަރުގެ ފަރާތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް ނިންމާ، މިހާރު އެ ކޯޕަރޭޝަނާއި ޙަވާލުކޮށްފައިވާކަމަށެވެ. އަދި ހިޔާ ޓަވަރުތަކުގެ ކޮންމެ ޔުނިޓަކާއި ޓްރާންސްފޯމަރު ގުޅާލާ ކަރަންޓް ދިނުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެކަމަށެވެ. މި މަސައްކަތް އަންނަ އޯގަސްޓްމަހުގެ 17 ގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށްވެސް އެޗް.ޑީ.ސީން ވަނީ ވިދާޅުވެފައެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކާއެކު އެގްރީމެންޓުގައި ސޮއިކޮށް، ޔުނިޓްތަކުގެ ތަޅުދަނޑި ޙަވާލުކުރުމުގެ މަސައްކަތް ޖުލައި 14 ވަނަ ދުވަހު ފެށިގެން އެޗް.ޑީ.ސީން ދަނީ ކުރަމުންނެވެ. އެހެންނަމަވެސް ކުރިއަށްއޮތް އަޟްޙާ ޢީދު ބަންދުގައި އެގްރީމެންޓްތަކުގައި ސޮއިކުރުމެއް ނޯންނާނެއެވެ. އެ ކޯޕަރޭޝަނުން ހާމަކުރައްވާފައިވާގޮތުގައި އެގްރީމެންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް ދެން ފެށޭނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހުއެވެ. އަދި އެގްރީމެންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް އަންނަމަހުގެ 15 ނަ ވަދުވަހާ ހަމައަށް އެއްކޮށް ނިންމާލެވޭނެކަމަށްވެސް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

7000 ހައުސިންގ ޔުނިޓުގެ ގޮތުގައި ހިޔާ މަޝްރޫޢުގެ މަސައްކަތް ފެށިނަމަވެސް ކޮމާޝަލް ބޭނުންތަކަށް ޓަވަރުތަކުން ފްލޯރ ސްޕޭސް ކަނޑައެޅުމަށްފަހު ޔުނިޓްތަކުގެ ޢަދަދު ފަހުން ވަނީ 6720 ބަދަލުކޮށްފައެވެ. ހިޔާ ފްލެޓްތަކަށް ކުލީގެގޮތުގައި 7500 ރުފިޔާ އަދި މެއިންޓެނެންސް ފީގެ ގޮތުގައި 1000 އާއެކު ޖުމްލަ 8500 ރުފިޔާ ކޮންމެ މަހަކު ދައްކަންޖެހެއެވެ.