އަޟްޙާ ޢީދާ ދިމާކޮށް އީރާނުގެ ވެރިރަށް ތެހްރާނާއި އަލްބޯޒު ފުރަބަންދުކޮށްފިއެވެ.
ތެހްރާނާއި އަލްބޯޒު ފުރަބަންދުކުރަން ނިންމާފައިވަނީ ޖުލައި މަހުގެ 20ވަނަ ދުވަހުން ފެށިގެން 6 ދުވަހުގެ މުއްދަތަކަށެވެ. އީރާނުގައި ޢީދު ބަންދު ފެށޭނީ ޖުލައި މަހުގެ 21ވަނަ ދުވަހުއެވެ. އަދި ޖެހިގެން އަންނަ 2 ދުވަހަކީ އެ ޤައުމުގެ ހަފުތާ ބަންދު ދުވަސްތަކެވެ. ޢާންމު ގޮތެއްގައި ޢީދާ ދިމާކޮށް އެތައް މިލިޔަން މީހުންނެއް އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރެއެވެ.
އީރާނުގެ ވެރިރަށާއި އަލްބޯޒު ފުރަބަންދުކުރަން ނިންމާފައިވަނީ ކޯވިޑް-19ގެ ފަސްވަނަ ރާޅަކާ އެ ޤައުމު ކުރަމަތިލަމުންދާ ދަނޑިވަޅެއްގައެވެ. އެ ގޮތުން ޖުލައި މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 200 މީހުންވަނީ ބަލިމަޑުކަމުގައި މަރުވެފައެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މަރުވެފައިވަނީ ތެހްރާނުގައެވެ. އޭގެ އިތުރުން ދުވާލެއްގެ މައްޗަށް ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުވަނީ 25،000އަށްވުރެ އިތުރުވެފައެވެ. އެއީ އޭޕުރިލް މަހުގެ ފަހުން ޢަދަދުތައް މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
2020ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އީރާނުން ކޯވިޑް-19 ފެނުނުފަހުން 3.55 މިލިޔަން މީހުންނަށް ބަލިޖެހި 87،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރިފައިވަނީ އީރާނުގައެވެ.
އިރާނުގައިވެސް އެންމެ ބޮޑަށް ފެތުރެނީ ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓެވެ.