މާލޭގެ ވައި ނުސާފުވެ ތަޣައްޔަރު ވެފައިވާ މިންވަރު ބެލުމަށްޓަކައި އެމްބިއަންޓް އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަން ގާއިމުކުރަން ނިންމައިފިއެވެ.
މި ސްޓޭޝަނން ޤާއިމްކުރުމަށްޓަކައި ކަމާގުޅޭ ޓެކްނިކަލް އެސެސްމަންޓެއް ހަދާނެ ބަޔަކު ހޯދުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ. މިގޮތުން ޓެކްނިކަލް އެސެސްމަންޓް ހަދައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަމަހުގެ 12 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ބީލަން ހުށަހެޅުމަށް ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މާލޭގެ ވައި ނުސާފުވެ ތަޣައްޔަރު ވެފައިވާ މިންވަރު ބެލުމަށްޓަކައި އެމްބިއަންޓް އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަން ގާއިމުކުރަން ނިންމާފައިވާއިރު މާލޭގައި ދުއްވާ ވެހިކަލްތައް ވަރަށް ބޮޑަށް ގިނަވެ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. މީގެ އިތުރުން ބައެއް ކަހަލަ އިންޑަސްޓްރިއަލް މަސައްކަތްތައް ވެސް ހިނގަމުންދާތީ ބައެއް މީހުން ކަންބޮޑުވުންވެސް އަންނަނީ ފާޅުކުރަމުންނެވެ.
މިފަދަ ސްޓޭޝަނެއް އެޅުމަށް ނިންމާފައިވާއިރު 2019 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ދެއްވި މެސެޖްގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ ވައި ނުސާފުވުން ނުވަތަ އެއަރ ޕޮލިއުޝަން ހުއްޓުވުމަށްޓަކައި އެކަށީގެންވާ ދެމެހެއްޓެނިވި ފިޔަވަޅުތަކެއް ރާއްޖެއިން އަޅާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ސަރުކާރުން ވަނީ 2019 ވަނަ އހަރުގެ ޖޫންމަހުގެ ތެރޭގައި ވައި ތަޣައްޔަރުކުރާ މާއްދާތަކާއި ގުޅޭ ނެޝަނަލް އެކްޝަން ޕްލޭން ލޯންޗުކޮށްފައެވެ. މި ޕްލޭންގައި ވަނީ ވައި ތަޣައްޔަރުކުރާ މާއްދާތައް ނުވަތަ ޕޮލޫޓަންޓް ތައް ވަކި ވަކިން ތަފްސީލު ކުރުމަށް ކަނޑައަޅާފައެވެ. މިގޮތުން ރާއްޖޭގައި ވައި ތަޣައްޔަރު ކުރާ މާއްދާތައް ބޭރުކުރާ ސެކްޓަރުތަކާއި، ކޮންމެ ސެކްޓަރއަކުން ވަކި ވަކި މާއްދާތައް ބޭރުވާ މިންވަރު ބެލުމަށްވެސް ވަނީ ނިންމާފައެވެ. އަދި މި މާއްދާތައް މަދުކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ނަތީޖާ އެއްގެ ގޮތުން، މި މާއްދާތައް ރާއްޖެއިން ޖައްވަށް ބޭރުކުރެވޭ މިންވަރު މަދުވެގެންދާނެ ވަރު 2030 އަހަރާ ހަމަޔަށް އަންދާޒާ ކުރުމަށް ކަނޑައަޅާފައިވެއެވެ.
ސަރުކާރުން އަންނަނީ ތިމާވެށި ހިމާތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މި ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައިވެސް ތިމާވެށި ހިމާޔަތްކުރުމާގުޅޭ މުހިންމު ކަންތައްތަކެއް ހިމަނާފައިވެއެވެ. އަދި މީގެތެރޭގައި ހިމެނޭ ބައެއް ކަންކަން ސަރުކާރުން މިހާރުވެސް ދަނީ ތަންފީޒު ކުރަމުންނެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ހިންގާ މަޝްރޫޢުތައް ހިންގުމުގައިވެސް ތިމާވެއްޓަށް ގެއްލުން ނުވާނެހެން ކަންކަން ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.