ރިޕޯޓް

މިނިވަންކަން ދެމެހެއްޓުމަށް ނަފްރަތާއި، އިސްލާމްދީނަށް އިހާނެތިކުރުމުގެ ޢަމަލުތައް ހުއްޓުވަންޖެހޭ: ރައީސް


މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ހިންގާ ޢަމަލުތަކާއި، އިސްލާމްދީނަށް އިހާނެތިކުރުމުގެ ޢަމަލުތައް ހުއްޓުވުމަކީ، ޤައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދަކުވެސް އިސްކަންދޭންޖެހޭނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނާއި މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޤައުމީ އަދި އިޖްތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުންކަމަށެވެ. އަދި އަޅުގަނޑުމެންގެ ދީނީ އެއްބައިވަންތަކަން އިތުރަށް ހަރުދަނާކޮށްދެނީ، އަޅުގަނޑުމެންގެ މެދުގައި މަޛްހަބީ ތަފާތެއް ނެތުމުންކަމަށާއި، މިނިވަންކަމުގެ ދިފާޢުގައި ކުރެވުނު ކޮންމެ ޖިހާދެއްގައި ލިބުނު ނަޞްރަކީ، ދިވެހިން އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބުމުގެހެޔޮ ނަތީޖާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިނިވަންކަމާއި ޞުލްޙަޔާއި އެކުވެރިކަމުގެ އަސާސްތައް ކަނޑައަޅައިދިން އިސްލާމް ދީނަކީ، ޙައްޤަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެވިސްނުން ފަތުރައި ޢާންމުކުރުމަށް، ހަމަ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ވަރަށް ފާޅުގައި މަސައްކަތްކުރާ ކަމަށެވެ. އަދި މިއީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެދޭ ހަމަ ކޮންމެ މީހަކުމެ، ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ ވަރަށް ނުރައްކާތެރި ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިސްލާމް ދީނުގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނައެޅުމުގެ ޢަމަލުތަކަކީ، އެއްވެސް ގޮތަކުން އިސްލާމް ދީނާ ގުޅުމެއް ނެތް ބާޠިލު ކަންތައްތަކެއް. އެއީ އެއްވެސް ހަމައަކުން ބަލާއިރު، އިސްލާމް ދީނުގެ އަޚްލާޤީ ހަމަތަކާއި، ދީނީ އުޞޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން. އިންސާނީ ހަމަބުއްދިން ވިސްނާއިރު ވެސް، އިންސާނީ މުޖްތަމައެއްގައި ފަތުރަން ހެޔޮވާ ވަރުގެ ފިކުރުތަކެއް ނޫން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، އިސްލާމް ދީނަށް އިހާނެތިކުރުމާއި ފުރައްސާރަކުރުމުގެ ޢަމަލުތަކަކީ، މުޖްތަމަޢު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި ޢަމަލުތަކެއްކަމަށެވެ. އެހެންކަމުން، މީހުންގެ މެދުގައި އަނެކުންނާ ދޭތެރޭ ނަފްރަތު އުފެއްދުމަށް ހިންގާ ޢަމަލުތަކާއި، އިސްލާމް ދީނަށް އިހާނެތިކުރުމުގެ ޢަމަލުތައް ހުއްޓުވުމަކީ، ޤައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދަކުވެސް އިސްކަންދޭންޖެހޭނެކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލަކީ ޤާނޫނީ ފިޔަވަޅުތަކެއް އެޅުން ނޫންކަމަށާއި، މިފަދަ މައްސަލަތަކަށް އޮތް ދާއިމީ ހައްލަކީ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ތުއްތު ކުދިންގެ ޅަފަތުން ފެށިގެން، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، އެކުދިންގެ ދިރިއުޅުން ބިނާކޮށްނުދެވިއްޖެނަމަ، ކޮންމެވެސް ދުވަހަކުން އަނެއްކާވެސް، މި ދެ މައްސަލަ ކުރިމަތިވާން ފަށާނެ. އެހެންކަމުން، ތަޢުލީމީ ނިޒާމުގެ ތެރެއިން، މިކަން ޙައްލުކުރެވެން ހުރި ގޮތްތަކަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދުގެ ބައިނަލްއަޤުވާމީ މުޖްތަމަޢުން، ވަކިން ޚާއްޞަކޮށް ބައެއް އިސްލާމީ ޤައުމުތަކުން ފެންނަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަޞްލަކީ، ހަރުކަށި ފިކުރީ އޮއިވަރަށް އެ ޤައުމުތަކުގައި ޖާގަ ދެވިފައި އޮތުންކަމަށެވެ. އަދި. އެއިން ކޮންމެ ޤައުމެއްގައިވެސް އެންމެ ފުރަތަމަ އުފެދުނީ، އެއް ބަޔަކު އަނެއް ބައެއްގެ ފުރާނައާއި މުދަލަށް ގެއްލުން ދިނުމުގެ ޢަމަލުތައްކަމަށާއި، އޭގެ ފަހުން ފެންނަން ފެށީ، އެކިއެކި ފަރާތްތަކުގެ ނުފޫޒު ފެތުރެން ފެށި މަންޒަރުކަމަށެވެ. މިއަދު އެއިން ކޮންމެ ޤައުމަކީ، މިނިވަންކަމާއި ޞުލްޙަޔާއި ހަމަޖެހުން ގެއްލިފައި އޮތް ޤައުމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މުޖްތަމަޢު ބައިބައިކުރާ މިފަދަ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި އޮތްހާ ހިނދަކު، ޤައުމުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ވެސް އޮންނާނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ޙާލަތަކަށް ޤައުމުގެ ކަންކަން ހިނގައްޖެނަމަ، ޤައުމަށް ކުރިމަތިވާ އެހެނިހެން ބޮޑެތި ކަންކަމުން އަރައިގަތުމުގައިވެސް ދަތިތަކެއް ކުރިމަތިވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.