ދުނިޔޭގެ ވިޔަފާރި

އެއަރ ކެނެޑާގެ އުދުހުންތައް އިތުރުވާނެ ކަމަށް ލަފާކޮށްފި


ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ސަބަބުން އެއަރ ކެނެޑާގެ އެތެރޭގެ އުދުހުންތަކާއި އެމެރިކާ ފްލައިޓްތަކުގެ ބުކިންގްސްތައް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއެއަރލައިނުން ބުނެފިއެވެ.

ޖުމްލަ ގޮތެއްގައި ބުކިންސްގެ ޢަދަދު ކޯވިޑްގެ ބަލިމަޑުކަމުގެ ކުރީގައި ހުރި ޢަދަދަށްވުރެ މަދު ނަމަވެސް ކަރަންޓީން ވާންނުޖެހުމާއި ވެކްސިންގެ އިތުރުން ރައްކާތެރިކަމުގެގޮތުން އަޅާފައިވާ އެހެނިހެން ފިޔަވަޅުތަކަށްވެސް ލުއިދޭން ފެށުމުގެ ސަބަބުން ދަތުރުތައް ކުރުމަށް ކަސްޓަމަރުންގެ ޝައުޤުވެރިކަން ވަނީ އިތުރުވެފައެވެ.

އެއަރލައިންގެ ސީއީއޯ މައިކަލް ރޫސޯ ވިދާޅުވީ މާލީގޮތުން ކުންފުނި ވަރަށް އަވަހަށް ރަނގަޅުވެގެންދާނެ ކަމަށް ޔަޤީންކުރައްވާކަމަށެވެ. އަދި ދަތުރުފަތުރުތައް ވަރަށް އަވަހަށް ފަށައިގެނެވޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.
އެތެރޭގެ އުދުހުންތަކާއި ޓްރާންސްބޯޑަރ އަދި އެޓްލާންޓިކް އުދުހުންތައްވެސް މަޑުމަޑުން އިތުރުވަމުންދާކަމަށާއި، ކެނެޑާ ސަރުކާރުން ފިޔަވަޅުތައް ލުއިކުރަމުންދާ ވަރަކަށް ދަތުރުކުރާ މީހުން ގިނަވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ރޫސޯ ވިދާޅުވިއެވެ.

އެއަރ ކެނެޑާގެ އެމެރިކާގެ ވިޔަފާރިވެސް އަންނަނީ މަޑުމަޑުން ރަނގަޅުވަމުންކަމަށާއި އެމެރިކާގެ އޮޕަރޭޝަންސްތަކަކީ ކުންފުނީގެ ވިޔަފާރި ރަނގަޅުކޮށް އިތުރަށް ވަރުގަދަކުރުމަށް މުހިންމު ދައުރެއް އަދާކުރާ ޤައުމުން ބޭރަށް މީހުން އުފުލާ އެންމެ ބޮޑު އޮޕަރޭޝަންކަމަށް އެއަރލައިންގެ ޗީފް ކޮމާޝިއަލް އޮފިސަރ ވިދާޅުވިއެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ އެމެރިކާގެ ފަތުރުވެރިންނަށް ކެނެޑާއަށް އެތެރެވެވޭނެގޮތް އަންނަ މަހުން ފެށިގެން ކެނެޑާ ސަރުކާރުން ހަމަޖައްސާނެކަމަށް ޚަބަރުތައް ބުނެއެވެ. މީގެއިތުރުން ޔޫރަޕްގައި ވެކްސިންދޭ ރޭޓް އިތުރުވުމާއި ޔޫރަޕާއި ކެނެޑާއާއި ދެމެދު އޮތް ވިޔަފާރިއާއި ސަޤާފީ ގުޅުން ރަނގަޅުވުމުގެ ސަބަބުން ޕެސިފިކްގެ ވިޔަފާރިއަށްވުރެ އަވަހަށް ކުންފުނީގެ އެޓްލާންޓިކް ވިޔަފާރި ރަނގަޅުވެގެންދާނެއެވެ.