ސިޔާސީ

މިނިސްޓަރ ޝާހިދު ރަސްމީ ދަތުރުފުޅެެއްގައި ބަލްގޭރިއާއަށް ފުރާވަޑައިގެންފި


ފޮރިން މިނިސްޓަރ ޢަބްުދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ބަލްގޭރީއާއަށް މިރޭ ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިނިސްޓަރގެ މި ދަތުރުފުޅަކީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ އިންތިޚާބީ ރައީސްގެ ޙައިސިއްޔަތުން މިމަހުގެ 27 އިން 29 ކުރައްވާ ރަސްމީ ދަތުރުފުޅެއްކަމަށެވެ. މިނިސްޓަރގެ މި ދަތުރުފުޅުގެ ތެރެއިން ބަލްގޭރިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ރަސްމީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.


ހަމައެހެންމެ މި ދަތުރުފުޅުގެ ތެރެއިން ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރާއި، އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާ، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅުހުން ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއްދެއްވާނެ ކަންތައްތަކާއި، އެމަނިކުފާނު އުއްމިދީ ރިޔާސަތުގެ ތެރެއިން ޙާޞިލުކުރަން ބޭނުންވާ ކަންކަމާއި ގުޅޭގޮތުންވެސް މި ދަތުރުފުޅުގެ ތެރެއިން މަޢުލޫމާތު ހިއްސާކުރައްވާނެކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޑރ. ފަރަހަނާޒް ފައިޞަލާއި، އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ މަރިޔަމް އަފްނާން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ އދ.ގެ އާންމު މަޖިލީހުގެ ކުރިއަށްއޮތް ދައުރަށް އިންތިޚާބުވުމަށްފަހު، ފޮރިން މިނިސްޓަރ ޝާހިދު ރާއްޖެެއިން ބޭރަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ.

އދ.ގެ އާއްމު މަޖިލީހިގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ އަވަށްޓެރި އިންޑިއާއަށެވެ. އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. ހަމައެހެންމެ އިންޑިއާއިން ރާއްޖެއަށް ދޭ ހިލޭ އެހީ އިތުރުކުރުމުގެ އެއްބަސްވުމުގައި ދެ ޤައުމުގެ ދެމެދު ވަނީ ސޮއިކޮށްފައެވެ.