ސަޢޫދީ ޢަރަބިއާގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ޑީސެލިނޭޝަން ޕްލާންޓް، ރަސް އަލް ޚައިރު ވިއްކާނުލުމަށް ސަޢޫދީ ސަރުކާރުން ނިންމައިފިއެވެ.
ގިނަ އިންވެސްޓަރުން ގަތުމަށް ޝައުޤުވެރިކަން ފާޅުކުރި ރަސް އަލް ޚައިރު ޕްލާންޓް ވިއްކާނުލުމަށް ސަޢޫދީ ނިންމި މައިގަނޑު ސަބަބަކީ ކޯވިޑްގެ ބަލިމަޑުކަމާއި ހެދި އެ ޤައުމުގެ އިޤްޠިޞާދަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުންކަމަށް ސަޢޫދީގެ ނޭޝަނަލް ސެންޓަރ ފޯ ޕްރައިވެޓައިޒޭޝަންގެ ސްޕޯކްސްޕާރސަން ބުނެއެވެ. މީގެއިތުރުން އެ ޤައުމުން އަމާޒު ހިފާފައިވާ ޕްރައިވެޓައިޒޭޝަންގެ އުސޫލުތައް އަލުން މުރާޖާކުރަން ތައްޔާރުވެފައިވުމަކީވެސް މި ޕްލާންޓް ވިއްކާނުލުމަށް ނިންމި އެއް ސަބަބެވެ.
މީގެއިތުރުން ޕްލާންޓް ގަތުމަށް ބިޑް ހުށަހެޅި އިންވެސްޓަރުންގެ އެއްބަސްވުންތަކުގައި ސަޢޫދީ ސަރުކާރަށް ލިބޭ ފައިދާ ކުޑަކަންވެސް އޭނާ ފާހަގަކުރިއެވެ. އަދި ޕްލާންޓަށް ވީ އަހަރާއި ބޭނުންކޮށްފައިހުރި ކުރީގެ ޓެކޮނޮލޮޖީއަކީވެސް ބިޑް ހުށަހެޅި ފަރާތްތަކުން ފާހަގަކޮށްފައިވާ ކަންތައްތަކެވެ.
ބިޑް ކާމިޔާބުކުރާ ފަރާތަކަށް ޕްރޮޖެކްޓުގެ 60 އިންސައްތަ ލިބޭނެކަމަށާއި ޕްލާންޓް ހިންގާ ބަލަހައްޓަން ޖެހޭނީ އެފަރާތުންކަމަށް މީގެކުރިން ސަޢޫދީން ވަނީ ނިންމާފައެވެ. ނަމަވެސް ޕްލާންޓް ވިއްކާނުލާން ނިންމުމާއެކު މިވަގުތަށް ޕްލާންޓް ހިންގާ ބަލަހައްޓާނީ އެޤައުމުގެ ސެލިން ވޯޓަރ ކޮންވާރޝަން ކޯޕަރޭޝަން، އެސްޑަބްލިޔުސީސީން ކަމުގައި އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ރަސް އަލް ޚައިރު ވިއްކާލުމުގެ މަސައްކަތް 2017 ވަނަ އަހަރުން ފެށިގެން ސަޢޫދީން އަންނަނީ ކުރަމުންނެވެ. ބިޑް ހުށަހެޅި ފަރާތްތަކުގެ މެދުގައި ޝޯޓްލިސްޓު ކޮށްފައިވަނީ މި އަހަރުގެ ކުރީކޮޅުއެވެ. ސަޢޫދީގެ އިރުމަތީ ސަރަޙައްދުގައި ހުންނަ މި ޕްލާންޓް ހެދުމަށް 7 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ޚަރަދުވެފައިވާ ކަމަށް ސަޢޫދީން ބުނެއެވެ.
މި ޕްލާންޓުން ސަޢޫދީގެ ވެރިރަށް ރިޔާދު އަދި އިރުމަތީގެ ބައެއް ސަރަޙައްދުތަކަށް ފެން ފޯރުކޮށްދެއެވެ. މިގޮތުން ދުވާލަކަށް 1.05 ބިލިއަން ކިއުބިކް މީޓަރުގެ ފެން މި ޕްލާންޓުން ލިބެއެވެ. ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި 38 ބިލިއަން އެމެރިކާ ޑޮލަރު ޕްރައިވެޓައިޒޭޝަނުން ހޯދުމަށްވެސް ސަޢޫދީން ވަނީ އަމާޒު ހިފާފައެވެ.