އާދަޔާ ޚިލާފަށް ފިނިވުމުގެ ސަބަބުން ދުނިޔޭގައި އެންމެގިނައިން ކޮފީ އުފައްދާ ބްރެޒިލްގެ ކޮފީ ދަނޑުތަކަށް ގެއްލުންވެ އެރޭބިކާ ކޮފީގެ އަގު 20 އިންސައްތައަށް އިތުރުވެއްޖެއެވެ.
މިއާއެކު ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ކޮފީގެ އަގު ނުއުފުލޭހާ ބޮޑަށް މިދިޔަ މަހު ކޮފީގެ އަގު ވަނީ އުފުލިފައެވެ. މީގެސަބަބުން ކޮފީ ގަންނަ ބޮޑެތި ކުންފުނިތަކުން ވިއްކާ ކޮފީގެ އަގު އަންނަ ހަފްތާގައި އުފުލޭނެކަމަށް މާހިރު ލަފާކުރެއެވެ.
ނަމަވެސް ކޮފީ ވިއްކާ ބޮޑެތި ކުންފުނިތައްކަމަށްވާ ސްޓާރބަކްސް، ނެސްލޭ އަދި ޖެބް ހޯލްޑިންގްސް އިންވެސް މިކަމުގެ ސަބަބުން ކޮށްފައިވާ އަސަރާއި ބެހޭގޮތުން އެއްވެސް އެއްޗެއް އަދި ހާމައެއް ނުކުރެއެވެ.
އެރޭބިކާ ކޮފީގެ އަގު ހޯމަދުވަހު ހުރީ ކިލޯއެއް 4.73 އެމެރިކާ ޑޮލަރަށެވެ. އަދި މިއީ 2014 ވަނަ އަހަރު އޮކްޓޫބަރު މަހުގެ ފަހުން އެރޭބިކާ ކޮފީ އެންމެ އަގުބޮޑުވި ފަހަރެވެ. ގަދަ ފިނީގެ ސަބަބުން ބްރެޒިލްގައި ކޮފީ ހައްދާ މައިގަނޑު ސަރަޙައްދު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ގަނޑުފެނުގެ އިތުރު ޠޫފާނެއް އެސަރަޙައްދަށް އަންނާނެކަމަށް މިހަފްތާވެސް ވަނީ ލަފާކޮށްފައެވެ. މިއާއެކު މިއީ މިއަހަރު ތެރޭގައި ބްރެޒިލްގެ ދަނޑުތަކަށް ގަނޑުފެނުގެ ތޫފާންގެ އަސަރުކުރާ ތިންވަނަ ފަހަރެވެ.
ގަނޑުފެނަކީ ކޮފީ ދަނޑުތަކަށް ވަރަށް ބޮޑަށް ގެއްލުންދޭ އެއްޗެކެވެ. މީގެސަބަބުން ބައެއް ފަހަރު ގަސްތައް މަރުވެސްވެއެވެ. އަލުން ގަސްތައް ހައްދާ ކޮފީ ލިބެން އަނެއްކާވެސް ތިން އަހަރަށްވުރެ ގިނަދުވަސް ނަގައެވެ.
ބްރެޒިލް ސަރުކާރުގެ ކާނާ ފޯރުކޮށްދޭ އޭޖެންސީ، ކޮނެބްގެ ހިސާބުތަކުން ދައްކާގޮތުގައި ގަނޑުފެނުގެ އަސަރު މިދިޔަ ހަފްތާ 150000 އާއި 200000 ދެމެދުގެ ހެކްޓަރަށް ވަނީ ކޮށްފައެވެ. އަދި އެއީ އެރޭބިކާ ކޮފީ ހައްދާ ސަރަޙައްދުގެ 11 އިންސައްތައެވެ.
މިއާއެކު މިއީ 1994 ވަނަ އަހަރުގެ ފަހުން އެޤައުމު ތަޖުރިބާ ކުރަންޖެހުނު އެންމެ ބޮޑު މޫސުމީ ބަދަލުކަމުގައި ކޮފީ ވިއްކާ ފަރާތްތަކުން ބުނެއެވެ.