ދުނިޔޭގެ ވިޔަފާރި

އެފްރިކާއާއެކު އެމެރިކާއިން ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރަނީ


އެފްރިކާ ބައްރާއި އެމެރިކާގެ ކުންފުނިތަކާއި ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށް މަސައްކަތް ކުރާނެކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ.

މި ވިޔަފާރިތައް ބޮޑަށް އަމާޒުކުރާނީ އެފްރިކާ ބައްރަށް ބޭނުންވާ ސިއްޙީ ޚިދުމަތްތަކަށާއި، ޑިޖިޓަލް އާއި އިޖްތިމާޢީ އިޤްޠީޞާދީ ތަރައްޤީއަށް ބޭނުންވާ ކަންތައްތަކަށް ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ. އެމެރިކާގެ ވިޔަފާރިވެރިން މި ކަމަށް ތާއީދުކުރާއިރު އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި އަޅާފައިވާ ވިޔަފާރީގެ އުޞޫލުތައް އަލުން މުރާޖަޢާ ކުރުން އަވަސްކުރުމަށް އެމީހުން ގޮވާލައެވެ.

މިކަމާއި ގުޅިގެން ވައިޓް ހައުސް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި އެފްރިކާއަށް ކަނޑައަޅާފައި ހުންނަ ސީނިއަރ ޑިރެކްޓަރ ޑޭނާ ބޭންކްސް ވިދާޅުވީ އެމެރިކާ އަދި އެފްރިކާއަށް އަމާޒުކޮށްގެން ވިޔަފާރީގެ ސަމިޓެއް ވަރަށް އަވަހަށް ބާއްވާނެކަމަށެވެ. މި ސަމިޓްގެ މަޤްޞަދަކީ ތަރައްޤީވެފައިވާ އެފްރިކާއަކަށް އެޤައުމު ހެދުންކަމުގައިވެސް އޭނާ ވިދާޅުވެއެވެ. އަދި މިއީ 2018 ވަނަ އަހަރު ޓްރަމްޕްގެ ވެރިކަމުގައިވެސް ފަށާފައިވާ މަސައްކަތެކެވެ. މި މަސައްކަތް ފެށުމުގެ ގޮތުން އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވަނީ 80 މިލިއަން އެމެރިކާ ޑޮލަރާއި ގާތްކުރާ ޢަދަދަކަށް މެއި މަހުގެ ބަޖެޓުގައި ހުށަހެޅުމަށް އެދިފައެވެ. އަދި މިމަސައްކަތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށްވެސް މަސައްކަތްކުރައްވާނެކަމަށް ޑޭނާ ވިދާޅުވިއެވެ.

އެފްރިކާގެ ޤައުމުތަކުން މިހާރު ތިބީ އެމެރިކާގެ ކުންފުނިތަކާއެކު މަސައްކަތްކުރަން ތައްޔާރަށް ކަމަށްވެސް ޑޭނާ އިތުރަށް ވިދާޅުވިއެވެ. ނަމަވެސް އެމެރިކާގެ ވިޔަފާރިވެރިން ބުނާގޮތުގައި ޗައިނާ އާއި ޔޫރަޕުން މިހާރުވެސް ދަނީ އެފްރިކާ ބައްރުގައި އިންވެސްޓްކޮށް ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމު ކުރަމުންނެވެ. އެހެންކަމުން އެމެރިކާއިން އިތުރަށް މަޑުކުރުމުގެ ބޭނުމެއް ނެތްކަމަށާއި އަވަހަށް ގޮތެއް ނިންމުމަށް ވިޔަފާރިވެރިން ބުނެއެވެ.

ޓްރަމްޕްގެ ވެރިކަމުގައި މަޝްވަރާކޮށްފައިވާ ގޮތަށް އެފްރިކާގެ ކެންޔާގައި އިންވެސްޓްކުރުމަށް ގިނަ ކުންފުނިތަކަކުން މިހާރުވެސް ބަލަމުން އަންނަ ކަމަށާއި ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި އެކުލަވާލާފައިވާ އުޞޫލުތައް މުރާޖާކުރުމުގައި ލަސްވާނަމަ މި ތައްޔާރީތައް މަޑުޖައްސާލަން ޖެހޭނެކަމަށްވެސް ވިޔަފާރިވެރިންދަނީ ބުނަމުންނެވެ. މިކަމާއިބެހޭގޮތުން އެމެރިކާގެ ވިޔަފާރިތައް ތަމްސީލުކުރާ އޮފީހުން އަދި ވަކިއެއްޗެއް ނުބުނެއެވެ.