ދުނިޔޭގެ ވިޔަފާރި

އަހަރުގެ ދެވަނަ ކުއާޓަރުގައި އެމެރިކާގެ އިޤްޠިޞާދަށް ހެޔޮ ބަދަލެއް


ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ދޭ އެހީއާއި، ބަލިމަޑުކަން ދިފާއުވުމަށް ވެކްސިންދޭ މިންވަރު އިތުރުވުމުގެ ސަބަބުން އެމެރިކާގެ އިޤްތިޞާދު އަހަރުގެ ދެވަނަ ކުއާޓަރުގައި ކުރިއަރަން ފަށައިފިއެވެ.

ނަމަވެސް މި ކުރިއެރުން އައިސްފައިވަނީ ލަފާކުރިވަރަށްވުރެ މަޑު ދުވެއްޔެއްގައެވެ. މިއާއިއެކު އަހަރުން އަހަރަށް ބަލާ ވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން ހުރި ވަރަށްވުރެ އިތުރުވެފައެވެ. އެގޮތުން ޖީޑީޕީވަނީ 6.5 އިންސައްތަ ކުރިއަރާފައެވެ.

އޤްތިސާދީ މާހިރުން ލަފާކޮށްފައިވާ ގޮތުން އެމެރިކާގެ ޖީޑީޕީ 8.5 އިންސައްތައަށް އިތުރުވެގެން ދާނެއެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީޑީޕީ 6.3 އިންސައްތައަށް އިތުރުވެފައިވާއިރު ދެވަނަ ކުއާޓަރުގައި އިތުރުވި 6.5 އިންސައްތައަކީ ކުޑަކުޑަ ބަދަލެއް ނަމަވެސް މިއީ ބަލިމަޑުކަމަށްފަހު އެމެރިކާގެ އިޤްޠިޞާދަށް އައި ހެޔޮ ބަދަލެކެވެ.

އެމެރިކާގެ ނޭޝަނަލް ބިއުރޯ އޮފް އިކޮނޮމިކް ރިސާރޗްއިން ހާމަކުރި ގޮތުގައި މިއީ ކޯވިޑުގެ ބަލިމަޑުކަމުގައި އެ ޤައުމުގެ އިޤްތިޞާދު ހީނަރުވުމަށްފަހު އެންމެ އަވަހަށް އާރާސްތުވި ފަހަރެވެ. ބަލިމަޑުކަމަށްފަހު އެންމެ ދެ މަސްދުވަހުގެ ތެރޭގައި އެމެރިކާގެ އިޤްތިޞާދުވަނީ އާރާސްތުވާން ފަށާފައެވެ.

އެމެރިކާގެ އިޤްތިޞާދު މިގޮތަށް އާރާސްތުވާން ފަށާފައި މިވަނީ ޚަރަދުކުރާ މިންވަރު އިތުރުވެ ސަރުކާރުގެ އެހީ ލިބި އަދި ވެކްސިން ފޯރުކޮށްދޭ މިންވަރު އިތުރުވެފައިވާތީއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ރިޔާސަތުން ވަނީ ބަލިމަޑުކަމުން އަރައިގަތުމަށް ރިލީފް ޕެކޭޖެއްގެގޮތުގައި 1.9 އެމެރިކާ ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައެވެ. މިއާއެކު އެ ޤައުމުގެ ގާތްގަޑަކަށް ދެބައިކުޅައެއްބައި މީހުންނަށް ވަނީ ވެކްސިންވެސް ދީފައެވެ.

އިޤްޠިޞާދަށް މިއައި ހެޔޮ ބަދަލާއިއެކު ވަޒީފާނެތް މީހުންނަށް ލިބޭ އިނާޔަތަށް އެދޭމީހުންގެ ޢަދަދުވެސް 24000އަށް މަދުވެފައިވާކަމަށް ލޭބަރ ޑިޕާޓްމަންޓުން ހާމަކުރެއެވެ.

އިޤްތިސާދީ މާހިރުން ލަފާކޮށްފައިވާ ގޮތުން އެމެރިކާގެ އިޤްތިޞާދު މިއަހަރު 7 އިންސައްތައަށް އިތުރުވާނެއެވެ. އިންޓަރނޭޝަން މަނިޓަރީ ފަންޑް (އައިއެމްއެފް)އިންވެސް ލަފާކުރަނީ އެމެރިކާގެ އިޤްޠިޞާދީ ދުވެލި މިއަހަރު 7 އިންސައްތައިގައި ހުންނާނެކަމަށާއި ނަމަވެސް އަންނަ އަހަރު މި ދުވެލި 4.9 އިންސައްތައަށް ވެއްޓޭނެކަމަށެވެ.