އަހަރުގެ ދެވަނަ ކުއާޓަރުގައި ޔޫރަޕްގެ ޤައުމުތަކުގެ އިޤްޠިޞާދު ލަފާކުރިވަރަށްވުރެ ހަލުއި ދުވެލީގައި ކުރިއަރައި ރިސެޝަނުން އަރައިގަނެފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
އިޤްތިސާދީ މާހިރު ލަފާކޮށްފައިވާ ގޮތުން އިޤްޠިޞާދީ ދުވެލި ކުރިއަރާނީ 1.5 އިންސައްތައަށެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި އިޤްޠިޞާދީ ދުވެލި ވަނީ 2 އިންސައްތައަށް އިތުރުވެފައެވެ.
ޔޫރޯ ބޭނުންކުރާ 19 ޤައުމެއް ހިމެނޭ މިޒޯންގެ ޤައުމުތަކުގެ އިޤްޠިޞާދު އަދިވެސް ވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން އިޤްޠިޞާދީ ދުވެލި ހުރިވަރަށްވުރެ 3 އިންސައްތަ ދަށުގައެވެ. އިޤްތިޞާދީ ދުވެލި ބޮޑަށް އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުން މަދު ޢާމްދަނީއެއް ލިބުނު ދެކުނު ޔޫރަޕްގެ ސަރަޙައްދުތަކުގައެވެ.
އެގޮތުން ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން 128000 މީހުން މަރުވެ އިޤްޠިޞާދީ ބޮޑު ރިސެޝަނަކަށް ގޮސްފައި އޮތް އިޓަލީގެ އިޤްތިޞާދީ ދުވެލި އެންމެ ފަހު ކުއާޓަރުގައިވަނީ 2.7 އިންސައްތައަށް އިތުރުވެފައެވެ. ޕޯޗުގަލްގެ އިޤްތިޞާދީ ދުވެލި 4.9 އިންސައްތައަށް އިތުރުވެފައިވާއިރު ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު އިޤްތިޞާދެއް އޮންނަ ޤައުމުކަމަށްވާ ޖަރުމަނުވިލާތުގެ އިޤްތިޞާދީ ދުވެލި ކުރިއަރާފައިވަނީ 1.5 އިންސައްތައަށެވެ. މީގެއިތުރުން ސްޕެއިންގެ އިޤްތިޞާދީ ދުވެލި ވަނީ 2.8 އިންސައްތައަށް ކުރިއަރާފައެވެ.
ދެކުނު ޔޫރަޕްގެ މިޤައުމުތަކުގެ އިޤްތިޞާދު މިގޮތަށް އާރާސްތުވާން ފަށާފައިމިވަނީ ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ސަބަބުން ޚަރަދުކުރާ މިންވަރު އިތުރުވެގެން ދިއުމުން ކަމަށް އިޤްޠިޞާދީ މާހިރުން ހާމަކުރެއެވެ.
މީގެއިތުރުން ބަލިމަޑުކަމުން އަރައިގަތުމަށް ޔޫރޯ ޒޯންގެ ސަރުކާރުތަކުން ކުރާ ބޮޑު ހޭދައިގެ ސަބަބުންވެސް ޤައުމުތަކުގެ އިޤްތިޞާދަށް ވަނީ ހެޔޮބަދަލެއް އައިސްފައެވެ. ވެކްސިން ފޯރުކޮށްދޭ މިންވަރު މަދުވުމުގެ ސަބަބުން ޔޫރަޕްގެ ޤައުމުތަކުގެ އިޤްތިޞާދީ ދުވެލި އަހަރުގެ ފުރަތަމަ ދެތިން މަސްދުވަހު ވަނީ ދަށްވެފައެވެ. ނަމަވެސް އޭގެފަހުން ވެކްސިން ދީފައިވާ ޖުމްލަ އަބާދީގެ ނިސްބަތަށް ބަލާއިރު ޔޫރަޕް އުޅެނީ އެމެރިކާއަށްވުރެ ކުރީގައެވެ. ނަމަވެސް ކޯވިޑްގެ އައު ވޭރިއަންޓްގެ ސަބަބުން ޔޫރަޕްގެ އިޤްތިޞާދީ ދުވެލި މަޑުޖެހިދާނެކަމަށް މާހިރުން ލަފާކުރާކުރެއެވެ.
އިޤްތިޞާދީގޮތުން އައި މި ހެޔޮ ބަދަލާއިއެކު ޔޫރަޕްގެ ޤައުމުތަކުގައި ވަޒީފާނެތް މީހުންގެ ނިސްބަތްވެސް ވަނީ 7.7 އިންސައްތައަށް ދަށްވެފައެވެ.