ދުނިޔޭގެ ވިޔަފާރި

ދެކުނު ކޮރެއާއިން މުދާ ބޭރުކުރާ މިންވަރު ރެކޯޑް ޢަދަދަކަށް އިތުރުވެއްޖެ


ޗިޕްސްއާއި ބަޔޯހެލްތުގެ އުފެއްދުންތަކަށް އޮތް ޑިމާންޑް ޖެހިޖެހިގެން 9 މަސް ދުވަހު އުފުލިފައިވުމުގެ ސަބަބުން ދެކުނު ކޮރެއާއިން މުދާ ބޭރުކުރި މިންވަރު ޖުލައިމަހު ރެކޯޑް އަދަދަކަށް އިތުރުވެއްޖެއެވެ.

މިއާއެކު ޖުލައި މަހު ދެކުނު ކޮރެއާއިން މުދާ ބޭރުކޮށްފައިވާ މިންވަރު ވަނީ 55.43 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 29.6 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިއީ 1956 ވަނަ އަހަރުންފެށިގެން މިކަމުގެ ހިސާބުތައް ބަލަހައްޓަން ފެށިފަހުން އެޤައުމުން އެންމެ ގިނައިން މުދާ ބޭރުކުރި ފަހަރުކަމަށް ދެކުނު ކޮރެއާގެ ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނެއެވެ.

ނަމަވެސް މިދިޔަ އަހަރު ކުރިމަތިލާން ޖެހުނު ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މުދާ ބޭރުކުރާ ދުވެލި ޖޫން މަހުވަނީ 39.8 އިންސައްތައަށް ދަށްވެފައެވެ. މީގެއިތުރުން އެ ޤައުމަށް މުދާ އެތެރެކުރާ މިންވަރު މިދިޔަ އަހަރު 38.2 އިންސައްތައިގައި ހުރުމަށްފަހު މިއަހަރު ޖޫންމަހު މި ޢަދަދުވަނީ 40.7 އިންސައްތައަށް އިތުރުވެފައެވެ.

މިއާއެކު ބޭންކް އޮފް ކޮރެއާއިން ވަނީ އެ ޤައުމުގެ އިޤްޠިޞާދު މިއަހަރު 4 އިންސައްތައަށް އާރާސްތުވާނެކަމަށް ލަފާކޮށްފައެވެ.

ދެކުނު ކޮރެއާއިން ޗިޕްސް ބޭރުކުރި މިންވަރު ޖުލައި މަހު 39.6 އިންސައްތައިގެ އިތުރުވެފައިވާއިރު ބަޔޯހެލްތުގެ އުފެއްދުންތައް ބޭރުކުރި މިންވަރު ވަނީ 27.2 އިންސައްތަ އިތުރުވެފައެވެ. މީގެއިތުރުން ޕެޓްރޯކެމިކަލްގެ އުފެއްދުންތައް ބޭރުކުރާ މިންވަރު ވަނީ 59.5 އިންސައްތައަށް އިތުރުވެފައެވެ. ކާރު ބޭރުކުރި މިންވަރު 12.3 އިންސައްތައަށް އިތުރުވެފައިވާވާއިރު ކޮމްޕިޔުޓަރު ބޭރުކުރި މިންވަރު ވަނީ 26.4 އިންސައްތައަށް އިތުރުވެފައެވެ.

މިއާއެކު ދެކުނު ކޮރެއާގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ ޗައިނާއަށް މުދާ ބޭރުކުރި މިންވަރު ވަނީ މުޅިއަހަރަށް ބަލާއިރު 15.7 އިންސައްތައަށް އިތުރުވެފައެވެ. އެމެރިކާއަށް މުދާ ބޭރުކުރި މިންވަރު 32.1 އިންސައްތައަށް އިތުރުވެފައިވާއިރު ޔޫރަޕްގެ ޤައުމުތަކަށް މުދާބޭރުކުރި މިންވަރު ވަނީ 43.9 އިންސައްތައަށް އިތުރުވެފައެވެ.

ދެކުނު ކޮރެއާއިން މިހާރު ކުރިމަތިލާން ޖެހިފައިވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ދުވަސްވަރާއެވެ. މިގޮތުން މިދިޔަ ހަފްތާވެސް ދުވާލަކަށް އެތައް މީހުންނަށް ބަލީގެ ޝިކާރައަކަށް ވަނީ ވެފައެވެ. މިއާއިއެކު ރައްކާތެރިކަމުގެ ގޮތުން ހަރުކަށި ފިޔަވަލުތަކެއް އެ ޤައުމުގައި މިހާރު ދަނީ އަޅަމުންނެވެ.