ދުނިޔޭގެ ވިޔަފާރި

ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް މެމްބަރު ޤައުމުތަކަށް އައިއެމްއެފްގެ އެހީ


ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަނެ ޤައުމުތަކުގެ ދަރަނި އަދާކުރުމަށް 650 މިލިއަން ޑޮލަރުގެ އެހީއެއް މެމްބަރު ޤައުމުތަކަށް ދިނުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ފާސްކޮށްފިއެވެ.

އަދި މިއީ 2009 ވަނަ އަހަރު މުޅިދުނިޔެ ކުރިމަތިލާންޖެހުނު މާލީ ގެއްލުމުން އަރައިގަތުމަށް އައިއެމްއެފްއިން ވެދިން 250 މިލިއަން އެމެރިކާ ޑޮލަރަށްފަހު އައިއެމްއެފްގެ ތާރީޚްގައިވެސް މެމްބަރު ޤައުމުތަކަށް މިހާބޮޑު އެހީއެއް ދޭ ފުރަތަމަ ފަހަރެވެ.
ސްޕެޝަލް ޑްރޯވިންގް ރައިޓްސްގެ (އެސްޑީއާރް)ގެ ނަމުގައި މި އެހީ ދޭންފަށާނީ މި މަހު 23 ވަނަ ދުވަހުން ފެށިގެން ކަމަށް އައިއެމްއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވިގޮތުގައި މި އެސްޑީއާރްގެ ސަބަބުން މެމްބަރު ހުރިހާ ޤައުމަކަށްވެސް ފައިދާ ކުރާނެއެވެ. އަދި ޤައުމުތަކުގެ އިޤްޠިޞާދު ހަލުއި ދުވެލީގައި ކުރިއެރުވުމަށް މިކަމުގެ ސަބަބުން ހިތްވަރަކަށްވެސް ވެގެންދާނެއެވެ. އެސްޑީއާރް އިން އެންމެބޮޑު ފައިދާއެއް ކުރާނީ ކޯވިޑްގެ ބަލިމަޑުކަމުން އަރައިނުގަނެވި ތިބި އިޤްޠިޞާދީގޮތުން ހީނަރުވެފައިވާ ޤައުމުތަކަށްކަމަށްވެސް ކްރިސްޓަލީނާ ވިދާޅުވިއެވެ.

އައިއެމްއެފްގެ މެމްބަރު 190 ޤައުމަށް މި އެހީ ލިބިގެންދާއިރު އެހީގެ 70 އިންސައްތަ ލިބޭގޮތަށް ހަމަޖެހިފައިއޮތީ އެންމެ ބޮޑު އިޤްޠިޞާދެއް އޮތް 20 ޤައުމަށެވެ. މަދުން ޢާމްދަނީ ލިބޭ ޤައުމުތަކަށް ލިބޭނީ އެހީގެ 3 އިންސައްތައެވެ.

މުޅި އެހީގެ 58 އިންސައްތަ ތަރައްޤީވެފައިވާ ޤައުމުތަކަށް ދިނުމަށް ހަމަޖެހިފައިވާއިރު ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ލިބޭނީ އެހީގެ 48 އިންސައްތައެވެ. މިއާއެކު 650 މިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން 21 ބިލިއަން އެމެރިކާ ޑޮލަރު ޢާމްދަނީ މަދުން ލިބޭ ޤައުމުތަކަށް އޮތް އިރު 212 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށެވެ. ނަމަވެސް މި ޤައުމުތަކުގެ ތެރޭގައި ޗައިނާ ނުހިމެނޭ ކަމަށް އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ބުނެއެވެ.

ފަޤީރު ޤައުމުތަކަށް އެހީވުމަށް ދުނިޔޭގެ އެންމެ މުއްސަނދި ހަތް ޤައުމުން ޖޫންމަހުވަނީ 100 ބިލިއަން އެމެރިކާ ޑޮލަރުގެ އެސްޑީއާރެއް ދިނުމަށް ފާސްކޮށްފައެވެ. ނަމަވެސް ޖުލައި މަހު ޖީ ޓުވެންޓީގެ ޤައުމުތަކުން ވާހަކަދައްކާފައިވަނީ ހަމައެކަނި 650 މިލިއަން އެމެރިކާ ޑޮލަރުގެ އެސްޑީއާރް ދޭ ގޮތަށެވެ.