ފަޅުވެރިންލައްވާ މަޖުބޫރުން މަސައްކަތްކުރުވާކަމަށް ބުނެ ފިޖީގެ މަސްބޯޓަކުން އެމެރިކާއަށް މަސް އެތެރެކުރުން އެ ޤައުމުން މަނާކޮށްފިއެވެ. އަދި މިއީ މަސައްކަތްތެރިންލައްވާ މަޖުބޫރުން މަސައްކަތްކުރުވާ ތަންތަނުގެ އުފެއްދުންތައް އެމެރިކާއަށް އެތެރެނުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކޮށްފައިވާ ކަމެއްކަމަށްވެސް އެމެރިކާއިން ބުނެއެވެ.
ޗައިނާގެ ރައްޔިތަކު ހިންގާ ހޭންގްޓަން 112 ގެ ނަމުން ނަންދީފައިވާ ދޮށީގެ މަސްވެރިކަން ކުރާ މި މަސްބޯޓުގެ އެއްވެސް ޝިޕްމެންޓެއް އެމެރިކާގެ އެއްވެސް ބަނދަރަކަށް އެތެރެކުރުން ހުއްޓުވުމަށް އެމެރިކާގެ ކަސްޓަމްސް އެންޑް ބޯރޑަރ ޕްރޮޓެކްޝަން (ސީބީޕީ) އިން ވަނީ ޢަމުރު ނެރެފައެވެ. އަދި މި ޢަމުރު ނެރުނީ ފަޅުވެރިން ލައްވާ މަޖުބޫރުން މަސައްކަތްކުރުވާކަމަށް ބައިނަލްޤައުވާމީ އުޞޫލުތަކުގައި ބުނާވަރަށް ހެކި ފެނުމުންކަމަށް އެ އެޖެންސީން ބުނެއެވެ.
މިކަމާއި ގުޅިގެން ސީބީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭރުގެ މިފަދަ ބޯޓުތަކުން ފަޅުވެރިން ލައްވާ މަޖުބޫރުން މަސައްކަތް ކުރުވައިގެން ބާޒާރުގައި އަގުހެޔޮކޮށް މަސްވިއްކާކަމަށާއި މީގެ ސަބަބުން އެމެރިކާގެ މަސްވެރިންގެ ދިރިއުޅުމަށް ދަތިވާކަމަށެވެ. އަދި މިފަދަ ބޯޓުތަކާއި ދެކޮޅަށް ސީބީޕީން އަބަދުވެސް މަސައްކަތްކުރާނެކަމަށް އެ ބަޔާނުގައިވެއެވެ. މީގެއިތުރުން މި މައްސަލަ ތަޙްޤީޤުކުރިކުރުމުގައި ހޭންގްޓަން 112 އިން ފަޅުވެރިންގެ މުސާރަ ހިފަހައްޓައި ލިޔެކިޔުންތައްވެސް އަތުލާފައިވާކަމުގެ ހެކި ލިބިފައިހުރިކަމަށާއި އަދި ދަތުރުކުރުމުގެ ކުރިން އެޑްވާންސްކޮށް ފަޅުވެރިންގެ އަތުން ފައިސާ ނަގާފައިހުރިކަމަށްވެސް ތަޙްޤީޤަށް އެގެން އެބަހުރިކަމަށް ސީބީޕީން ބުނެއެވެ.
މިއާއިއެކު މިއީ އޭޝިއާގެ ޤައުމުތަކުގެ ބޯޓުތަކަށް އަމާޒުކޮށްގެން އެމެރިކާއިން ހިންގާ ތަޙްޤީޤުތަކުން އެންމެ ފަހުން ފިޔަވަޅު އެޅި ބޯޓެވެ. ފަޤީރު ޤައުމުތަކުގެ މަސައްކަތްތެރިންލައްވާ މަސައްކަތް ކުރުވުމަކީ މި ފަދަ ބޯޓުތަކުގައި ޢާންމުކަމެކެވެ.
މި ބޯޓުގެ އިތުރުން ފަޅުވެރިން ލައްވައި މަޖުބޫރުން މަސައްކަތްކުރުވުމުގެ ސަބަބުން އިންޑޮނޭޝިއާގެ ގިނަ މަސްވެރިންތަކެއް މަރުވުމާއި ގުޅިގެން އެމެރިކާއިންވަނީ ޗައިނާ ކުންފުޏެއްގެ ހުރިހާ ބޯޓުތަކަކުން އެމެރިކާއަށް މަސް އެތެރެކުރުން މިދިޔަ މެއި މަހު މަނާކޮށްފައެވެ. މީގެއިތުރުން މިފަދަ މައްސަލަތަކާއި ގުޅުންހުރި ޓައިވާން އާއި އެހެނިހެން ސަރަޙައްދުތަކުގެ ބޯޓުތަކާއި ދެކޮޅަށްވެސް ސީބީޕީން ވަނީ ޢަމުރު ނެރެފައެވެ.
ތިމާވެށި ޙިމަޔާތްކުރަން މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ގްރީންޕީސްއިން ބުނާގޮތުގައި ޢާންމުކޮށް އިންޑޮނޭޝިއާ އާއި ފިލިޕީންސްއިން ހިޖްރަކުރާ މަސައްކަތްތެރިން ލައްވައި މަޖުބޫރުން މަސައްކަތްކުރުވައި، މުސާރަ ހިފައްޓައި ގިނަ ވަގުތު މަސައްކަތްވެސް ކުރުވައެވެ.