ޚަބަރު

އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ބިން ދޫކުރީ މުއިއްޒުގެ މިނިސްޓަރުކަމުގައި!


މާލޭ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދޫކޮށްފައިވާ ބިމަކީ 2016 ވަނަ އަހަރު ޑރ. މުއިއްޒު ހައުސިންގ މިނިސްޓަރަކަށް ހުންނެވިއިރު ސިޓީ ކައުންސިލަށް ދޫކޮށްފައިވާ ބިމެއްކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިހެން ބުނެފައި މިވަނީ ހައުސިންގ މިނިސްޓްރީން 2016 ވަނަ އަހަރު ސްޓެލްކޯއަށް ދޫކޮށްފައިވާ ބިމުގައި ހުރި މުދާތައް މާލޭ ސިޓީ ކައުންސިލުން އެއްވެސް އެންގުމަކާއި ނުލައި ނެގުމުންނެވެ. އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދޫކޮށްފައިވާ ބިމުގައި ހުރި މުދާތަކެއް ސިޓީ ކައުންސިލުން ނަގާ ބޭނުންކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، އެކަން ފުލުހުންވެސް މިހާރު ދަނީ ތަހުޤީޤްކުރަމުންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ، މާލޭ ސިނާޢީ ސަރަޙައްދުން ސްޓެލްކޯއަށް ދޫކޮށްފައިވާ ބިމެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ވިދާޅުވިއެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްޞީލެއް ފުލުހުން ހާމަކުރައްވާފައެއްނުވެއެވެ.

ސްޓެލްކޯއަށް އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުން ވަގުތީގޮތުން ހަވާލުކޮށްފައިވާ ބިމުގައި ހުރި މުދާތައް، އެ ކުންފުންޏަށް އެންގުމަކާ ނުލައި، މާލޭ ސިޓީ ކައުންސިލުން ނަގައި ބޭނުންކުރަމުން ދާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ، އެކުންފުންނަށް ދޫކޮށްފައިވާ ބިން ވަށާ ފެންސް ޖަހާފައިވަނިކޮށް މާލޭ ސިޓީ ކަައުންސިލުން އެކުންފުންޏަށް އެންގުމަކާ ނުލާ، ފެންސްތައް ނަގާ، އެ ބިމާއި ޖެހިގެންހުރި ކައުންސިލުގެ ބިމެއްގައި އެ ފެންސުތައް ޖަހާފައިވާކަމަށެވެ.

އެ ބިމަކީ މާލޭގެ ކަރަންޓް ވިއުގަ އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތުގެ ގްރިޑް މަސައްކަތް ކުރުމަށްޓަކާ ބޭނުންވާ ވަރަށް މުހިއްމު ބިމެއްކަމަށާއި، އެ މަޝްރޫއަށް ބޭނުންވާ ބައެއް ސާމާނާއި، އެކުންފުނީގެ ބައެއް އެހެނިހެން މުދާތައްވެސް އެ ބިމުގައި ބަހައްޓާފައިވާނެކަމަށް ސްޓެލްކޯގެ އޮފިޝަލު ވިދާޅުވިއެވެ. އަދި އެކުންފުނީގެ ބޭނުމަށް ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކުރަން ބަހައްޓާފައި ހުރި ސާމާނުވެސް ގެއްލިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިތަން ސެކުއަރކުރުމަށްޓަކާ އަޅުގަނޑުމެން ވާނީ ގާތްގަނޑަކަށް 5 ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްގެން މިތަނުގެ ބިންގަނޑު ލެވެލްކޮށް، ބިމުގައި ހުރި ކުންޏާއެއްޗެހި ބޭރުކޮށް މިތަން ސާފުކޮށްފައި. އަދި ވަށައިގެން ފެންސުވެސް ޖެހިފައިވާނީ. އަދި ސެކުއިރިޓީ ކެމެރާ ހަރުކުރުމަށްޓަކާ ބޭނުންވާ އިންފްރާސްޓްރަކްޗަރވެސް ޤާއިމުކުރެވިފައިހުރީ. އެހެންނަމަވެސް މި ބަންދު ތެރޭގައި އަޅުގަނޑުމެންނަށް އެންގުމަކާ ނުލާ މިތަނުގައި ހުރި ފެންސުތައް ކަނޑާނަގައި، ޓިނުތައްވެސް ނައްޓާފައި އަދި ހޮޅިތަކާ އެއްޗެހިވެސް ބުޑުންކަނޑާ ނަގާފައި އެ އެއްޗެހިތައް ބޭނުންކޮށްގެން ސިޓީ ކައުންސިލުން ވަނީ މި ބިމާ ޖެހިގެން އެއްފަރާތެއްގައި ހުރި ބިމެއްގައި ފެންސް ޖަހާފައި" ސްޓެލްކޯގެ އޮފިޝަލް ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓްރީން ސިޓީ ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދޫކޮށްފައިވާ ބިމުގައި ޖަހާފައިވާ ފެންސާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި މާލޭ ސިޓީ ކައުންސިލުން ނަގާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި މާލޭގައި ދެމުންދާ ބަހުގެ ޚިދުމަތާ ގުޅިގެން ބަސްޑެޕޯގެ ގޮތުގައި ބޭނުންކުރުމަށް އިންަޑަސްޓްރިއަލް ވިލެޖުގެ 3 ނަންބަރު ކޮށިން ވަގުތީގޮތުން ކަނޑައަޅާފައިވާ ބިން ކައުންސިލުން ބަންދުކުރައްވާފައިވާކަމުގެ މަޢުލޫމާތު މިނިސްޓްރީއަށް ލިބިފައިވާކަމަށާއި، އެބިމަކީ މާލޭ ސިޓީ ކައުންސިލާއި ޙަވާލުކޮށްފައިވާ ބިމެއް ނޫންކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ ސްޓެލްކޯއަށް ދޫކޮށްފައިވާ ބިމުގައި ޖަހާފައިވާ ފެންސުތަކާއި، އެތަނުގައި ބަހައްޓާފައިވާ ތަކެތި ކައުންސިލުން ނަގާފައިވާނަމަ، އެތަކެތި އަނބުރާ އެކުންފުންޏާ ޙަވާލުކުރުމަށް އަންގާކަމަށެވެ.

މި މައްސަލައިގައި މާލޭ ސިޓީ ކައުންސިލްގެ ބަހެއް ހޯދުމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒަށް ޕީ.އެސް.އެމް ނިއުސްއިން ގުޅާލުމުން މޭޔަރ ވިދާޅުވީ، "ތިކަން އަޅުގަނޑު ޗެކްކޮށްލާނަން"ކަމަށެވެ. އިތުރު އެއްވެސް މަޢުލޫމާތެއް ދެއްވާފައެއްނުވެއެވެ.

އިންޑަސްޓްރިއަލް ވިލެޖުން 21،000 އަކަފޫޓުގެ ބިމެއް ސްޓެލްކޯއަށް ދޫކޮށްފައިވަނީ ގްރިޑް ޕްރޮޖެކްޓްގެ ދަށުން ތިލަފުއްޓާއި މާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލަން ބޭނުންވާ ސަބްސްޓޭޝަނެއް ބެހެއްޓުމަށާއި، މާލެ މާފަންނު ސަރަހައްދުގެ ގްރިޑް މެއިންޓެއިން ކުރުމަށްޓަކައި ބެކަޕް ޕަވަރ ހައުސްއަކާއި، ބެކަޕް ބެޓަރީ ސްޓޯރެޖެއް ޤާއިމްކުރުމަށެވެ.