ޚަބަރު

ބްލޮކްތަކުގެ ވެރިން ހޮވުމުގެ އިންތިޚާބު އޮކްޓޫބަރު 9 ގައި


މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތައް ރައްޔިތުންނާ ވީހާ ވެސް ގާތުން ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކޮންމެ ބްލޮކަކަށް ވެރިއަކު ހަމަޖެއްސުމަށް ބާއްވާ އިންތިޚާބު އަންނަ އޮކްޓޫބަރު 9 ގައި ބާއްވަން ނިންމައިފިއެވެ. އެގޮތުން މިހާރު ވަނީ މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މި އިންތިޚާބަށް ވާދަކުރެވޭނީ އެ ބްލޮކެއްގައި އުޅޭ އުމުރުން 18 އަހަރުން މަތީގެ ދިވެހިންނަށްކަމަށާއި ވަށްކަމާއި ޓެކުން، ފޭރުން، ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިނުވާ މީހެއް ކަމުގައިވާން ޖެހޭނެކަމަށެވެ. މީގެ އިތުރުން އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް، ޖިންސީ ޖިސްމާނީ ހާނިއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުމާއި، އެފަދަ މައްސަލައެއްގެ ތަހްޤީޤުގައި ބަންދުވެފައިވާ މީހެއްކަމުގައި ނުވުމާއި، ތަހްޤީޤުގެ މަރުހަލާގައި ތަހްޤީޤު ކުރެވެމުންދާ މީހެއްކަމުގައި ވެގެން ނުވާނެއެވެ. ނަމަވެސް ޖިނާއީ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ޙުކުމް ތަންފީޒު ކުރެވުނުތާ 3 އަހަރު ވެފައިވާ މީހުންނަށް ކުރިމަތިލެވޭނެއެވެ. ސިޓީ ކައުންސިލުން ވިދާޅުވީ މި އިންތިޚާބަށް އެއްވެސް އެހެން މަޤާމެއްގައި ހުރި މީހަކަށް ބައިވެރިނުވެވޭނެކަމަށާއި މުސްތަގިއްލު މުއައްސަސާއެއްގެ ނުވަތަ ސިޔާސީ މަޤާމެއް ފުރާ ފަރާތެއް ކަމުގައިވެސް ނުވެވޭނެއެވެ.

މާލޭ ސިޓީގެ ބްލޮކުވެރިޔާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެޕްލިކޭޝަން ފޯމާއި 10 މީހުންގެ ސޮޔާއެކު ފޯމް ހުށައަޅަން ޖެހެއެވެ.

މާލޭގެ ބްލޮކުތަކަށް ވެރިއަކު ހޮވަން ނިންމާފައިވާކަން މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ގަލޮޅުގެ ރައްޔިތުންނާއެކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައެވެ. މޭޔަރު މުއިއްޒު ވިދާޅުވީ ބްލޮކްތަކަށް ވެރިން ހޮވުމަށް ހަމަޖައްސާފައިވަނީ ރައްޔިތުންނާއި ވީހާ ވެސް ގާތުން ޚިދުމަތް ދިނުމަށްޓަކައިކަމަށެވެ. ނަމަވެސް ބްލޮކްތަކަށް ހޮވާ ވެރިންނަށް މުސާރައެއް ނުލިބޭނެކަމަށް މޭޔަރު ވިދާޅުވިއެވެ.

މާލޭ ސިޓީގެ ބްލޮކުތަކުގެ ވެރިޔާގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 09 ވާ ހޮނިހިރު ދުވަހުގެ 10:00އިން 16:00އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށްފަހުއެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 14 ވާ ބުރާސްފަތި ދުވަހުގައެވެ.