ޚަބަރު

ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، 4 މީހަކު ފިހިގެން މާލެ ގެނެސްފި


އޯޒޯން ލައިފް މާދޫ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 4 މީހަކު ފިހިގެން މާލެ ގެނެސް ފަރުވާ ދެމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ އެރިސޯޓުގައި ހުރި ޕެޓްރޯލް ފީފާއެއްގައި އަލިފާން ރޯވެގެންކަމަށެވެ. މިހާދިސާގަައި 4 މީހަކަށް އަނިޔާވިއިރު، ހާދިސާ ހިނގިތާ ގިނަ އިރުތަކެއްނުވެ ރިސޯޓުގެ މުވައްޒަފުން އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގައި އަނިޔާވެގެން 4 މީހަކު މާލެ ގެނެސް ފަރުވާދެމުންދާއިރު އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ އެފްއެސްއެމްގައި މަސައްކަތްކުރާ ދިވެއްސަކާއި ރިސޯޓުގައި މަސައްކަތްކުރާ 3 ބިދޭސީން ކަމަށެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 19:13ގައި ކަމަށާއި އަދި މި ހާދިސާގެ ތަފްސީލް ރިސޯޓުގެ ފަރާތުން ފުލުހުންނާއި ހިއްސާކޮށްފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ