ޚަބަރު

"ހިޔާ" ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތަށް ދިން މުއްދަތު އިތުރުކުރަން ނިންމައިފި


ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ދީފައިވާ 3 މަސްދުވަހުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމާފައިވާކަމަށެވެ. އެގޮތުން ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ދީފައިވާ މުއްދަތު ޑިސެމްބަރުމަހުގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އިތުރުކުރުމަށް މުއްދަތަށް ރައްޔިތުންގެ އަތުން ކުލިވެސް ނުނަގާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ލުއި ލޯނެއް ދޫކުރަމުން އަންނަކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި ފްލެޓްތައް ލިބުނު ބައެއް ފަރާތްތަކުން ފްލެޓް ދޫކޮށްލުމަށްފަހު އެޗްޑީސީގެ ވިނަރެސް ފްލެޓްތަކަށް ކުރިމަތިލައިފައިވާކަމަށެވެ. އަދި ދޫކޮށްލާފައި ހުރި ފްލެޓްތައް ޝަރުތުހަމަވާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްކުރަމުންދާއިރު، ފިނިޝަން މަސައްކަތްތައް ފަށަނީ އެ ފްލެޓްތައް ލިބުނު ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުންނެވެ. ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ.

ހިޔާ މަޝްރޫޢަށް ބަލާއިރު، އެ ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ޝަޢުގުވެރިކަން ފާޅުކުރި 5 ކޮންޓްރެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އަގު ހުށައެޅި ކުންފުންޏަށްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ބައެއް ކުންފުނިތަކުން ޔުނިޓަކަށް 50 ހާހާއި 52 ހާސް ޑޮލަރާއި ދެމެދުގެ އަގުތައް ހުށަހަޅާފައިވަނިކޮށް، ޕްރޮޖެކްޓް އެވޯޑްކޮށްފައިވަނީ ޔުނިޓަކަށް 62 ހާސް ޑޮލަރު ހުށަހެޅި ކުންފުންޏަކާއިކަމަށް ސަރުކާރުން ވިދާޅުވެއެވެ. ފްލެޓް ލިބުނު ފަރާތްތަކުން ފިނިޝިންގ މަސައްކަތްކުރަންޖެހުނު މައިގަނޑު ސަބަބަކީ ކޮންޓްރެކްޓަރާއި މަސައްކަތް ހަވާލުކުރިއިރު، ޔުނިޓްތަކުގެ އެތެރޭގައި ކުރަންޖެހޭ ފިނިޝިންގގެ ގިނަ ކަންކަން ނުހިމަނާ މަސައްކަތް ހަވާލުކޮށްފައި އޮތުމުންނެވެ.