ދުނިޔޭގެ ވިޔަފާރި

އީރާނަށް އެހީތެރިވެދޭކަމަށް ބުނެ އޮމާންގެ ވިޔަފާރިވެރިއަކާއި ދެކޮޅަށް ފިޔަވަޅު އަޅައިފި


ޤަވާއިދާއި ޚިލާފަށް ތެޔޮ އުފައްދާ ނެޓްވޯކަކާއި ގުޅި، އީރާނަށް ވާގިވެދޭކަމަށް ބުނެ އޮމާންގެ ވިޔަފާރިވެރިޔަކަށާއި އޭނާއާއި ގުޅުންހުރި ކުންފުނިތަކުގެ މައްޗަށް އެމެރިކާއިން ފިޔަވަޅު އަޅައިފިއެވެ.

މި މައްސަލައާއި ގުޅިގެން ފިޔަވަޅު އަޅާފައިވަނީ އޮމާންގެ ވިޔަފާރިވެރިޔާ މަޙްމޫދު ރާޝިދު ޢަމްރު އަލް ޙަބްސީގެ މައްޗަށެވެ. އެމެރިކާގެ ޑިޕާރޓްމަންޓް އޮފް ޓްރެޝަރީން ތުޙުމަތުކުރާގޮތުގައި ޢީރާނުގެ ތެޔޮ ޝިޕްމަންޓްތައް އިރުމަތީ އޭޝިއާއި ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ގުދުސް ފޯސްގެ އޮފިޝަލުންނަށް އެހީވެދޭ މެދުވެރިއަކީ މަޙްމޫދެވެ.

މި ފިޔަވަޅުތަކާއިއެކު މަޙްމޫދުގެ ހުރިހާ މުދަލެއް ފްރީޒްކޮށް އޭނާއާއި ގުޅުންހުރި ކުންފުނިތަކުގެ ހުރިހާ މުދަލެއްވެސް އެމެރިކާގައި ފްރިޒް ކުރާނެއެވެ. އަދި އެމެރިކާގެ މާލީ ނިޒާމުން އޭނާ ވަކިކޮށް އެމެރިކާގެ ރައްޔިތަކާއެކީ ވިޔަފާރިކުރުންވެސް މަޙްމޫދަށް މަނާވާނެއެވެ. މަޙްމޫދުގެ އިތުރުން ފިޔަވަޅު އަޅާފައިވާ 4 ކުންފުންޏަކީ އޯމާންގެ ދެ ކުންފުންޏަކަށާއި ލައިބީރީއާ އަދި ރޮމޭނިއާގައި ހުންނަ ދެ ކުންފުންޏަކަށެވެ.

މަޙްމޫދަށް ފިޔަވަޅުތައް އަޅާފައިމިވަނީ ބޭރުގެ 'ޓެރަރިސްޓް' ޖަމާޢަތްތަކަށް މާލީގޮތުން އެހީވެދިނުން ހުއްޓުވުމަށް 2001 ވަނަ އަހަރު އެމެރިކާއިން ނެރެފައިވާ 13224 ގެ ޢަމުރުގެ ދަށުންނެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އައިއާރްޖީއަސީއަކީ މިފަދަ 'ޓެރަރިސްޓް' ޖަމާޢަތެއްކަމަށް ކަނޑައަޅާފައެވެ.

ހުކުރު ދުވަހު އިޢުލާނުކޮށްފައިވާ މި ފިޔަވަޅުތައް އަޅާފައިމިވަނީ ޢީރާނާއިއެކު ދުނިޔޭގެ ބާރުތަކުން ޤާއިމުކޮށްފައިވާ ނިއުކްލިއަރ އެއްބަސްވުން އަލުން އައު ކުރުމުގެ ވާހަކަތައް ޢިރާނުގެ އައު ސަރުކާރު އައިފަހުން ހުޢްޓިފައިވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް އެމެރިކާއިން ބުނާގޮތުގައި 2015 ވަނަ އަހަރު ޤާއިމުކޮށްފައިވާ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ގެ ނަންދީފައިވާ މި ނިއުކްލިއަރ އެއްބަސްވުން އަލުން އައު ކުރެވޭތޯ އެ ޤައުމުން ދަނީ މަސައްކަތްކުރަމުންނެވެ. މިކަމާއި ގުޅިގެން އެންމެފަހުން ވިއެނާގައި ބޭއްވި ބައްދަލުވުންތައް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. މީގެއިތުރުން މިކަމާއި ބެހޭގޮތުން ޢީރާނުގެ އައު ސަރުކާރާއި ވާހަކަތައް ދައްކަން އެމެރިކާއިން ތައްޔާރަށް އޮތްކަމަށްވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކަން މިދިޔަމަހު ވަނީ ބުނެފައެވެ.