ސިޔާސީ

އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ކޮރެއާގެ ސަފީރާއެކު ނައިބު ރައީސް މަޝްވަރާކުރައްވައިފި


ދިވެހިރާއްޖެއާއި ދެކުނު ކޮރެއާއާދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ.

އެމަނިކުފާނު މި މަޝްވަރާތައް ކުރައްވާފައިވަނީ ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޖިއޮންގ ވޫންޖިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެކުނު ކޮރެޔާއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 55 އަހަރު ފުރެންދާއިރު ދެކުނު ކޮރެއާއަކީ ބައިނަލްއަޤްވާމީ މުޖުތަމައުގައި ރާއްޖޭގެ އެކުވެރި ޤައުމެއްގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަ ކުރައްވާފައެވެ. އަދި އ.ދ ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް ދެކުނު ކޮރެއާއިން ދެއްވި އެއްބާރުލުން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން އެކި ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމަށް ދެކުނު ކޮރެއާއިން ވަރަށްބޮޑު އެހީތެރިކަމެއް ވެދެއްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ކޮރެއާގެ ސަފީރު ވަނީ ފަތުރުވެރިކަމުގެ ދާއިރާއާއި ތައުލީމާއި މަތީ ތައުލީމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ.

ދެ ޤައުމުން އިސްކަންދޭ ބައިނަލްއަޤްވާމީ މައްސަލަތައް ކަމުގައިވާ ކްލައިމެޓް އެމެޖެންސީފަދަ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެކުނު ކޮރެއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ވައި ނުސާފުވުން ފަދަ މައްސަލަތަކަކީ ޖަރީރާވަންތަ ރައްތަކެއްގެ މައްޗަށް އެކުލެވޭ ރާއްޖެއާ ދެކުނުކޮރެއާ ފަދަ ޤައުމުތަކުން ސަމާލުކަންދޭ މުހިންމު މައްސަލަތައްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ދެކުނު ކޮރެއާގެ ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމާލައްވާފައި ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާއި، ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.