ޚަބަރު

ޓެރަރިޒަމާގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ހޯމް މިނިސްޓްރީން އެކުލަވާލަން ޖެހޭ އޮނިގަނޑު އެކުލަވާލައި، އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

ޤާނޫނުގައި ބުނެފައިވާގޮތުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަޢުލޫމާތު ރައްކާތެރިކަމާއެކު ބަދަލުކުރުމަށްޓަކައި، ކަމާގުޅޭ އޮނިގަނޑެއް، ހޯމް މިނިސްޓަރު އެކުލަވާލައި، އެ އޮނިގަނޑާ އެއްގޮތަށް ޓެރަރިޒަމާގުޅޭ އިންޓެލިޖެންސާއި މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ބަލައި މޮނިޓަރކުރަމުން ގެންދަންޖެހޭނެއެވެ. އަދި ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން، އެކުލަވާލައި އޮނިގަނޑާ އެއްގޮތްވާ ގޮތުގެމަތިން ޓެރަރިޒަމާ ގުޅޭ މުހިންމު މަޢުލޫމާތު، އެ އިދާރާތަކުގެ މެދުގައި ބަދަލުކުރުންވާނެކަމަށް ބަނީ ބުނެފައެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޤާނޫނުގައި ބަޔާންކުރާ ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލައި، މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ. މިކަމަށްޓަކައި އެކުލަވާލަންޖެހޭ އިންތިޒާމް އެކުލަވާލައި މިމަސައްކަތް މިއަދު ފެށިގެން ދިޔައީ ޤާނޫނުގައި ބަޔާންކުރާ އިންޓެލިޖެންސް އިދާރާތަކުގެ ވަރަށް ބޮޑު އެހީތެރިކަމާއި އެކުގައިކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިޒާމު އިތުރަށް ހަރުދަނާކޮށް ރައްކާތެރިކަމާއެކު އަވަހަށް މިފަދަ މައުލޫމާތު ހިއްސާކުރުމާއި އެފަދަ މައުލޫމާތު އެނެލައިޒް ކުރުމުގެ ޤާބިލުކަން މުއައްސަސާތަކުގައި އިތުރުކުރުމަށް ކުރަންޖޭހޭ އިތުރު މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރަމުން ދާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް ހޯދުމާއި އެއްކުރުމާއި އެފަދަ އިންޓެލިޖެންސް މައުލޫމާތު ކަމާއިގުޅުންހުރި އިދާރާތަކަށް ފޯރުކޮށް ދިނުމާއި ގުޅޭގޮތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި އެކުލަލި ރިޕޯޓުގެ ރެކޮމަންޑޭޝަންތަކުގައިވެސް ހިމަނާފައެވެ.

ޤާނޫނުގައި ބުނެފައިވާ ގޮތުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް ހޯދުމާއި އެއްކުރުމާއި އެފަދަ އިންޓެލިޖެންސް ދިރާސާކުރުމުގެ ޤާބިލުކަން، ޤާނޫނުގައި ބަޔާންކުރާ އިންޓެލިޖެންސް އިދާރާތަކުގައި ޤާއިމުކުރަން ޖެހެއެވެ. އަދި އިންޓެލިޖެންސް އިދާރާތަކުގެ އިތުރުން، ދައުލަތުގެ އެއްވެސް އިދާރާއެއްގެ މަސައްކަތުގެ ދާއިރާއިން ޓެރަރިޒަމާ ގުޅޭ މުހިންމު މަޢުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކޮށް، އެ މަޢުލޫމާތެއް، އެ މާއްދާގައި ބަޔާންކުރާ އިދާރާތަކުގެ ތެރެއިން އެ މަޢުލޫމާތަކާ ގުޅުންހުރި އިދާރާއަކާ ޙިއްޞާކުރަންވެސް ޖެހެއެވެ.