ޚަބަރު

ޢަބްދުﷲ ރިޔާޒުގެ ބަދަލުގައި 241 ކޮމެޓީއަށް އަލީ ހުސެއިން


ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމެޓީ) ގައި ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި އިންނެވި ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒުގެ ބަދަލުގައި އެކޮމިޓީއަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ހަމަޖައްސަވައިފިއެވެ.

ކޮމެޓީއަށް މިބަދަލު އައިސްފައިވާކަން މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދު އިއުލާން ކުރައްވާފައެވެ. ކޮމެޓީއަށް މިބަދަލު އައީ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ފެށުނުއިރު، ރިޔާޒު ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގެންފައިވާކަން މަޖިލިސް އިދާރާއަށް އަންގާފައިވުމުންނެވެ. މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން ކަނޑައަޅަނީ ޕާޓީތަކަށް ގޮޑިތައް ލިބިފައިވާ ގޮތަށް ބަލައިގެންނެވެ.

މަޖިލީހުގެ މިދައުރު ފެށުނު ޖަލްސާގައި 241 ކޮމިޓީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީންވެސް ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) ގައި ހިމެނޭ އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ބަދަލުގައި އެކޮމެޓީއަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، އަދި އެކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންގެ ބަދަލުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ހަމަޖައްސަވާފައެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގައި ދަފްތަރަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. މިބަދަލު އައިސްފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ތިއްބެވި ދެ މެމްބަރަކު ޕާޓީން ވަކިވުމާއި ގުޅިގެން އައިސްފައިވާ ބަދެލެވެ. މަޖިލީހުގެ ދަފްތަރަށް ބަދަލުތަކެއް އައިސްފައިވަނީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ޖުމްހޫރީ ޕާޓީން ވަކިވެފައިވާކަން އަންގަވައި، މަޖިލީހުގެ ގަވާއިދުގައި ބުނާ ލިޔުންތައް ހުށަހަޅުއްވާފައިވާތީއެވެ.

ނާޒިމްއާއި ރިޔާޒު ޖުމްހޫރީ ޕާޓީން ވަކިވެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. ނާޒިމްއާއި، ރިޔާޒު ޖޭޕީން ވަކިވުމުން ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު ވަނީ 3 އަށް ވެއްޓިފައެވެ. އަދި ނާޒިމް އުފައްދަވާ ޕާޓީގެ ދެ މެމްބަރުންގެ ގޮތުގައި ނާޒިމްއާއި، ރިޔާޒު ވަނީ ކަނޑައަޅުއްވާފައެވެ. ދަފްތަރަށް މިހާރު އައި ބަދަލާއެކު މަޖިލީހުގައި ތިއްބެވީ އެމްޑީޕީގެ 65 މެމްބަރުންނާއި، ޕީޕީއެމްގެ 6 މެމްބަރުންނާއި، ޖޭޕީގެ 3 މެމްބަރުންނާއި، ޕީއެންސީގެ 3 މެމްބަރުންނާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސްގެ 2 މެމްބަރުންގެ އިތުރުން މިނިވަން 8 މެމްބަރުންނެވެ.