ސިންގަޕޫރުން ބޭރުކުރާ މިންވަރު ޖުލައިމަހު 12.7 އިންސައްތައަށް އިތުރުވެއްޖެއެވެ. މި ކުރިއެރުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި އިލެކްޓްރޯނިކް ނޫން އުފެއްދުންތަކުން ކަމަށާއި ނަމަވެސް އިލެކްޓްރޯނިކް އުފެއްދުންތައް ބޭރުކުރި މިންވަރުވެސް އިތުރުވެފައިވާ ކަމަށް އެންޓަރޕްރައިސް ސިންގަރޕޫރު (އީއެސްޖީ)އިން ޢާންމުކުރި ހިސާބުތަކުން ދައްކައެވެ.
އަހަރުން އަހަރަށް ބަލާއިރު ޖުލައި މަހު އިލެކްޓްރޯނިކް އުފެއްދުންތަކުގެ ޝިޕްމަންޓްތައް ވަނީ 15 އިންސައްތައަށް އިތުރުވެފައެވެ. މީގެއިތުރުން އިލެކްޓްރޯނިކް ނޫން އުފެއްދުންތައް ޖުލައި މަހު ވަނީ 12 އިންސައްތައަށް އިތުރުވެފައެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ބޭރުކޮށްފައިވަނީ ޚާއްޞަ މެޝިނަރީތަކާއި ފާމަސޫޓިކަލް އަދި ޕެޓްރޯކެމިކަލްގެ އުފެއްދުންތަކެވެ.
ޖުމްލަގޮތެއްގައި ސިންގަޕޫރުން ބޮޑެތި ބާޒާރުތަކަށް މުދާ ބޭރުކުރާ މިންވަރު ޖުލައި މަހު އިތުރުވެފައިވީ ނަމަވެސް އެމެރިކާއަށް މުދާ ބޭރުކުރި މިންވަރު ވަނީ ދަށްވެފައެވެ. ޗައިނާއަށް މުދާ ބޭރުކުރި މިންވަރު 58.5 އިންސައްތައަށް އިތުރުވެފައިވާއިރު ޔޫރަޕް އިއްޠިހާދަށް ސިންގަޕޫރުން މުދާ ބޭރުކުރި މިންވަރު ވަނީ 61.5 އިންސައްތައަށް އިތުރުވެފައެވެ.
ދެކުނު އޭޝިއާ، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ ، ވިއެޓްނާމް އަދި ލެޓިން އެމެރިކާ މައިގަނޑު ޤައުމުތައްކަމުގައި ހިމަނައިގެން ކުރިއަރަމުން އަންނަ ޤައުމުތަކަށް ސިންގަޕޫރުން މުދާ ބޭރުކުރި މިންވަރުވެސް ވަނީ 59.9 އިންސައްތައަށް އިތުރުވެފައެވެ.
މިއާއިއެކު ސިންގަޕޫރުގެ ވިޔަފާރިއާއި ސިނާޢަތްތަކާއި ބެހޭ ވުޒާރާއިން ވަނީ އެޤައުމުގެ ޖީޑީޕީ މިއަހަރު 7 އިންސައްތައަށް އިތުރުވާނެކަމަށްވެސް ލަފާކޮށްފައެވެ.