ކުކުޅު ލިބުން ދަތިވުމާއިއެކު ސައުތު އެފްރިކާގެ މަލްޓިނޭޝަނަލް ފާސްޓް ފުޑް ޗެއިން ނަންދޯސްގެ ބައެއް ރެސްޓޯރަންޓްތައް ބަންދުކުރަން ޖެހިއްޖެއެވެ.
ޚަބަރުތައް ބުނާގޮތުން އިނގިރޭސިވިލާތް، ސޮކްޓްލޭންޑް އަދި ވޭލްސްގައި ނަންދޯސްއިން ހިންގާ 45 ރެސްޓޯރެންޓެއް ބަންދުކުރަން ވަނީ ޖެހިފައެވެ.
ނަންދޯސްގެ ރެސްޓޯރަންޓްތަކަށް ކުކުޅު ލިބުން ދަތިވީ، އެ ކުންފުނީގެ ރެސްޓޯރަންޓްތަކާއި ހަމައަށް ކުކުޅުގެ ޝިޕްމަންޓްތައް ގެނައުމަށް ދިމާވަމުންދާ ދަތިތަކެއްގެ ސަބަބުންނެވެ. މިއާއެކު ކުންފުނިން ވަނީ ކުކުޅު ޝިޕްމަންޓްތައް ގެންނަ ފަރާތްތަކާއި ހަމައަށް ކުންފުނީގެ މުވައްޒަފުން ފޮނުވަން ފަށާފައެވެ. ނަމަވެސް މުވައްޒަފުން އެންމެ އެކަށީގެންވާ އަދަދަށް ނެތުމުން މިކަމުގައިވެސް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.
މުވައްޒަފުން މަދުވުމުގެ ސަބަބުން އުފެއްދުންތައް ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތި ލާންޖެހިފައިވާ އިނގިރޭސިވިލާތުގެ ކުންފުނިތަކުގެ ތެރެއިން ނަންދޯސްއަކީ އެންމެފަހުން މި ދަތިކަން ކުރިމަތިވެފައިވާ ކުންފުންޏެވެ.
ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އިނގިރޭސިވިލާތުގެ ގިނަ ކުންފުނިތަކުން ވަނީ މުވައްޒަފުން ހޯދުމުގައި ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. އަދި ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހަކާއި އެއްތަން ވެފައިވާނަމަ އެކަހެރިވާން ޖެހޭ ޤަވާއިދު އިނގިރޭސިވިލާތުން އެކަށައެޅުމުގެ ސަބަބުން ވޭތުވެދިޔަ މަސްތަކުގައި މުވައްޒަފުން ލިބުން ވަނީ އިތުރަށް އުދަނގޫވެފައެވެ.
މީގެއިތުރުން ޓްރަކް ޑްރައިވަރުން މަދުވުމުގެ ސަބަބުންވެސް އިނގިރޭސިވިލާތުގައި އެއްތަނުން އަނެއް ތަނަށް ތަކެތި އުފުލުމަށް ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. ޖުލައިމަހު އިނގިރޭސިވިލާތަށް ކުރިމަތިވި ކޯވިޑްގެ ރާޅުގެ ސަބަބުން ވަގުތީގޮތުން ގޭހާއި ކާނާގެ ލިބުންވެސް ދަތިވިއެވެ.